މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަޙްމަދު ޒިލާލްގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ. މިއީ ރައުދުގެ ބަންދު މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދު ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް 24 ގައެވެ. ފުލުހުން ތުހުމަތުކުރަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށާއި، އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް އަދި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާއެކު އުޅުނު މީހާކަމަށް ބެލެވެއެވެ. އެރޭ ޔުމްނުއާއި ރައުދުއާއެކު އުޅުނު ކަމަށް ބުނާ އެހެން ފަރާތްތަކުގެ ފޯނުތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވާއިރު، ހާދިސާއާ ގުޅިގެން މއ. މާންދޫގެދެކުނުގެ އާއި ގ. ކަށިވެލީގެ ބައެއް ތަންތަން ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.
ނަމަވެސް، މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައުދު އެކަނިކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ