ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ވަކިކުރުމަށް ޖޭއެސްސީ އިން ފޮނުވާފައިވާ މައްސަލަ ޖުޑީޝަރީ ކޮމިޓީއިން ބަލަމުންދަނިކޮށް، އެ ކޮމިޓީއަށް ގެނެވުނު މެންބަރުކަމުގެ ބަދަލަކީ ވަގުތީ ބަދަލެއްކަމަށް އެކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޕީއެންސީން އެދިގެން ޖުޑީޝަރީ ކޮމިޓީގައި ހިމެނޭ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރުގެ ބަދަލުގައި ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހަމަޖެއްސެވި ކަމަށް އިއުލާންކުރައްވާފައެވެ. އެހެންނަމަވެސް، މި ބަދަލު ގެންނަން އެދުނު ސަބަބު ޕީއެންސީއިން އޭރު ހާމަކޮށްފައެއް ނުވެއެވެ.
މިއަދު ބޭއްވުނު ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، މުގައްރިރު ހުސްނީ މުބާރަކު ބަދަލާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިސްމާއީލް ނިޒާރުގެ ބަދަލުގައި އިބްރާހީމް ދީދީ ކޮމިޓީއަށް ހަމަޖެއްސެވީ، ރަސްމީ މަސައްކަތުގައި މަޖިލިސް ތަމްސީލްކުރުމަށް ނިޒާރު އެވަގުތު ސެމިނާއެއްގައި ހުންނެވުމުން ކަމަށެވެ. އެބަދަލު ގެނައުމަށްފަހު ނިޒާރު އެނބުރި ކޮމިޓީއާ ގުޅިވަޑައިގެންފައިވާކަމަށްވެސް މުގައްރިރު ފާހަގަކުރެއްވިއެވެ.
މުގައްރިރު ޚާއްޞަކޮށް މިކަން ފާހަގަކުރައްވަން ބޭނުންފުޅުވީ، މި ބަދަލަކީ ކޮމިޓީން ކުރަމުންދާ ވަކި މަސައްކަތަކާ ގުޅިގެން ގެންނެވި ބަދަލެއްގެ ގޮތުގައި މީޑިއާގައި ފެތުރެމުންދާތީކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ، ރަސްމީ މަސައްކަތުގައި މަޖިލިސް ތަމްސީލް ކުރަން ދާ މުއްދަތުގައި ބަދަލުގައި ކޮމިޓީއަށް އިތުރު މެންބަރަކު އައްޔަންކުރުމަކީ މީގެ ކުރިން ކޮށްފައިވާ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.
މިއަދުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ބޭއްވުނީ ބަންޑާރަ ނައިބުގެ އޮފީހުގެ ބިލާއި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ދިރާސާކުރުމަށެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގެ މަސައްކަތް ކޮމިޓީން ފަށާފައިވީނަމަވެސް، ހޯމަ ދުވަހު ލިޔުންތައް ދިރާސާކުރުމަށްފަހު، އެމައްސަލަ ކުރިޔަށްގެންދާނެ ގޮތެއް ކަނޑައެޅުމަށް ނިންމުމަށްފަހު އޭގެ ފަހުން އެ މަސައްކަތް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. އަންގާރަ ދުވަހު ދެ ފަހަރެއްގެ މަތިން އެ މައްސަލަ ކުރިޔަށްގެންދިއުމަށް އެޖެންޑާކުރި ނަމަވެސް، ފަހު ވަގުތު ކޮމިޓީ ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.
ކޮމެންޓު ފޮނުވާ