ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމާއިފިއެވެ. ޝަމްއާންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހައި ކޯޓުން ވެސް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކުރުމާ ގުޅިގެންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިނުގަތުމުގެ ސަބަބެއް އަދި ސާފުކޮށްފައެއް ނުވެއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު 22 ވަނަ ދުވަހުގެ ރޭގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ 15 ދުވަހަށް ބަންދުކޮށް، އޭގެފަހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ޝަމްއާންގެ ފަރާތުން ކުރި އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމުގެ އިހުތިސާސް ލިބިގެންވަނީ އޭސީސީއަށް ކަމަށާއި، ފުލުހުންނަށް އެކަނި އެފަދަ މައްސަލައެއް ތަހުގީގެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ މަނީ ލޯންޑަރިންގގެ ތުހުމަތު ފުލުހުންނަށް އެކަނި ތަހުގީގުކުރެވޭނެ ކަމަށާއި، ކޮރަޕްޝަންގެ ތުހުމަތު އުފެދުނު ހިނދު ޖޮއިންޓް އިންވެސްޓިގޭޝަނެއް ނުހަދައި ފުލުހުން އެކަނި ތަހުގީގުކުރުމަކީ ތަހުގީގު ބާޠިލުވާނެ ސަބަބެއް ނޫން ކަމަށެވެ.
ކޮމެންޓު ފޮނުވާ