ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރައްވައިފި

Author
ހުސައިން
07 މެއި 2025 10:33
0

ފުލުހުންގެ ޚިދުމަތުގެ އެންމެ އިސްވެރިޔާ، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިއަދު ރަސްމީގޮތުން ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފިއެވެ. މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ. އަދި ކޮމިޝަނަރގެ އާއިލާ މެންބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ޝުޖާޢު ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގައި އޭނާ ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ރަސްމިއްޔާތުގައި ޝުޖާޢުއަށް ޝަރަފުގެ ހަނދާނީ ފިލައާއި ރިޓަޔަރމަންޓް ކާޑު އަރުވާފައިވެއެވެ. ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.

އަލީ ޝުޖާޢުއަކީ ތަޢުލީމީ ދާއިރާގައި 8 އަހަރުގެ ތަޖުރިބާ ހޯއްދެވުމަށްފަހު، 2006 ވަނަ އަހަރު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރެއްވި އިރު މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަޤާމު ފުރުއްވާފައިވެއެވެ. ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތުމަށްފަހު 2008 ވަނަ އަހަރު ކޮމިޝަންޑް ރޭންކަށް އިސްކުރެވުނެވެ.

ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި އަހަރުތަކުގައި ޝުޖާޢު ވަނީ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތްކުރައްވާފައެވެ. މީގެއިތުރުން ލީޑަރޝިޕް އަދި މެނޭޖްމަންޓް މަޤާމުތައްވެސް ފުރުއްވާފައިވެއެވެ.

ހއ. އަށް ނިސްބަތްވާ ޢަލީ ޝުޖާޢު، ފުލުހުންގެ އެންމެ އިސްވެރިޔާގެ މަޤާމަށް ޢައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.