ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓް ދިރާސާކުރުމަށް މިއަދު ބޭއްވުމަށް ހަމަޖެއްސި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.
އެންމެ ފުރަތަމަ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11 ޖަހާއިރުއެވެ. ނަމަވެސް ފަހުން މެންދުރު 1 ޖަހާއިރަށް ބަދަލުކުރުމަށްފަހު، ވަގުތު ކައިރިވެފައި އޮއްވައި ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ. މަޖިލީހުގެ އިދާރާއިން މި ބައްދަލުވުން ކެންސަލްކުރި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭގެފަހުން ހޯމަ ދުވަހު ވަނީ މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ބުދަ ދުވަހު ބޭއްވުނު ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވަނީ ޖޭއެސްސީން ފޮނުވި ރިޕޯޓާއި ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު މައްސަލައިގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށެވެ. ދެ ފަނޑިޔާރުން ވެސް މި މައްސަލައިގައި ޖަވާބުދާރީވާން އެދިފައިވާއިރު، ފަނޑިޔާރުން ހާޒިރުކުރުމާމެދު ގޮތެއް ނިންމާނީ ދިރާސާތައް ނިމުމަށްފަހު ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މި މައްސަލަ ބަލަން ފެށިފައިވަނީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީއަކުން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙެއް ބާޠިލުކުރުމަށް އެދި ހުށަހެޅިފައިވާ މައްސަލައެއް ބަލަމުންދަނިކޮށެވެ.
ކޮމެންޓު ފޮނުވާ