ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައާ ގުޅިގެން، ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު ފަނޑިޔާރުން ހާޒިރުކުރުމާމެދު ފަހުން ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.
ޖޭއެސްސީން ފޮނުވާފައިވާ މައްސަލައަކީ، ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
މިއަދު ބޭއްވުނު ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ލިޔެކިޔުންތައް ދިރާސާކުރުމަށް ވަގުތު ހޭދަކުރުމަށް ކޮމިޓީގެ ހުރިހާ މެންބަރުން އިއްތިފާގުވިނަމަވެސް، މައްސަލައާ ގުޅިގެން ފަނޑިޔާރުން ހާޒިރުކުރުމާ މެދު މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވީ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، ފަނޑިޔާރުން ހާޒިރުކުރަން ޖެހޭތޯ ފަހުން ބާއްވާ ބައްދަލުވުމެއްގައި ނިންމުމަށެވެ. މި ހުށަހެޅުމަށް ފޭދޫ ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ތާއީދުކުރެއްވިއެވެ. އެހެންނަމަވެސް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ ތަހުގީގު ކޮމިޓީގެ މެންބަރުންނާއެކު ރިޕޯޓް ދިރާސާކުރުމަށެވެ.
އަޝްރަފްގެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ކޮމިޓީގެ އަށް މެންބަރުންގެ ތެރެއިން ހަ މެންބަރުން އެ ހުށަހެޅުން ބަލައިގަތުމަށް ވޯޓު ދީފައިވާތީ، އެ ހުށަހެޅުން ފާސްވެ ނާޒިލްގެ ހުށަހެޅުމަށް ވޯޓަށް އެހިފައެއް ނުވެއެވެ.
ޖޭއެސްސީގެ ނިންމުމަކީ "ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް" ކަމަށް ބުނެ، ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން ވަކީލަކާއެކު ކޮމިޓީއަށް ހާޒިރުވެ ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން، އަޒްމިރަލްދާ އާއި މަހާޒާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ ބަލާ މައްސަލައެކެވެ.
ގާނޫނީ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން އެކަމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.
ކޮމެންޓު ފޮނުވާ