ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ އެހީ ހޯދުމަށް ޔޫއެންޑީޕީ އާއެކު ފަހުމުނާމާގައި ސޮއިކޮށްފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ އެހީ ހޯދުމަށް ޔޫއެންޑީޕީ އާއެކު ފަހުމުނާމާގައި ސޮއިކޮށްފި

Author
ހުސައިން
04 މެއި 2025 08:14
0

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފާއި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާ ސޮއިކުރެއްވިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، މިއީ ދައުލަތުގެ ހެކިންނާއި އަނިޔާގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިކަން ދިނުމަށް ޕީޖީ އޮފީހުގައި ޤާއިމުކޮށްފައިވާ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް (ޑަބްލިއުވީއެސްޔޫ) ގެ ވަރަށް ރަނގަޅު އިސްނެންގުމެއްކަމަށެވެ. މިކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމަށް ޕީޖީ އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާ ވިދާޅުވީ، ޕީޖީ އޮފީހުން އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އިންވެސްޓްމަންޓަކީ ޢަދުލު އިންސާފުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ބިންގަލެއްކަމަށެވެ. މި ޕާޓްނަރޝިޕްއަކީ މުއައްސަސާގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ނަމޫނާއެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމުކުރުމަކީ އެ އޮފީހުން ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އަދި އޮފީހުގެ މަސައްކަތުގެ މާޙައުލުގެ ދުޅަހެޔޮކަމާއި، މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ކުރުމަށް މި ޕްލޭންގައި ހިމަނާފައިވާކަމަށްވެސް ބަޔާންކުރެއެވެ.

މި އެއްބަސްވުމުގެ ދުރު ރާސްތާގެ ތަޞައްވުރަކީ އޯގާތެރިކަމާއި، ޤާނޫނާއި ގަވާއިދުތައް ނަގަހައްޓައި ތަންފީޛުކުރުމާއެކު، އަޅާލުމާއި ހަމްދަރުދީ އެކުލެވިގެންވާ ޖިނާއީ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުންކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި މަސައްކަތް ހިނގަމުންދާގޮތް ގާތުން ބަލައި މޮނިޓަރކުރަމުން ގެންދިއުމަށާއި، އެންމެ އެދެވޭ ނަތީޖާ ޙާޞިލުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ދެފަރާތުން އެއްބަސްވެފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއްވިއެވެ.

ޔޫއެންޑީޕީއަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މުހިންމު ބައިވެރިއެއް ގޮތުގައި، މާނަހުރި ގޮތެއްގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ކުރިއެރުމަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންގެންދާ ޖަމިއްޔާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.