ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި އިންސާފު ހޯދުމަށް ކުރެވެމުންދާ މުޒާހަރާތައް ހަމަޖެހުންމަތީ ގެންދިއުމަށާއި، ޚާއްޞަކޮށް މިހާރު ހިނގަމުންދާ އޯ ލެވެލް އިމްތިހާނުތަކަށް ރިޢާޔަތްކޮށް އަޑުގަދަނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން (އެޗްއާރުސީއެމް) މިރޭ އިލްތިމާސްކޮށްފިއެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާގޮތުން، ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށްދާ މުޒާހަރާތަކުގައި ޒުވާނުން ބައިވެރިވެ އަޑުއުފުލުމަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިންނާއި ރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާއިން ލިބިދީފައިވާ ހައްގެކެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އެފަދަ ހައްގެއްގެ ބޭނުން ހިފުމުގައި އެހެންމީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް މުހިންމު ކަމެއްކަމަށެވެ. އެގޮތުން، މުޒާހަރާތައް ކުރިއަށް ގެންދިޔުމުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ވިޔަފާރިތަކަށް އުނދަގޫނުވާނެ ގޮތަށް ހަމަޖެއްސުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
ޚާއްޞަކޮށް މިހާރު ކުރިއަށްދާ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރަށްވުމާއެކު، މަގުތަކުގައި އަޑުގަދަނުކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ގޮވާލައިފައިވެއެވެ. މީގެއިތުރުން، މުޒާހަރާ ރޫޅާލުމުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފުލުހުންގެ އަމަލުތައް ބެހެއްޓުމަށާއި، ސުލްހަވެރިކަން އިސްކުރުމަށްވެސް ކޮމިޝަނުން ފުލުހުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ޒުވާނުން ކޮންމެ ރެއަކު މަޖީދީ މަގުގެ ހެންވޭރުކޮޅުގައި އެއްވަމުންދާއިރު، މަޖީދީ މަގަށް އެއްވެއްޖެނަމަ މުޒާހަރާ ރޫޅާލާނެކަމަށް ފުލުހުން އިންޒާރުދީފައިވެއެވެ. ރޭ ވެސް މުޒާހަރާ ރޫޅާލުމާއެކު ދެ ޒުވާނަކުވަނީ ހައްޔަރުކުރެވިފައެވެ.
މި މައްސަލަ ހޫނުވެފައިވަނީ، ޔުމްނު ވެއްޓުނު ރޭ އޭގެ ކުރިން އޭނާ، މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި ހުންނަ އެޕާޓްމަންޓަކަށް ޕާޓީއަކަށް ދިޔުމަށްފަހު، އެ ގޭގެ ނަމާއި ޕާޓީގައި ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު ފުލުހުން ހާމަނުކުރުމާއެކު، އެއިން މީހަކާ މެދު ފިޔަވަޅު ނާޅާތީއެވެ. މަސްތުވާތަކެތި ބޭނުންކުރިކަމަށް ބެލެވުނު ނަމަވެސް އެ ތަކެއްޗަށް ޓެސްޓްކުރަން ދެކޮޅު ހެދުމުން ވެސް ފިޔަވަޅު ނާޅާކަން ފާހަގަކުރެވެއެވެ.
ފަހުން ޕާޓީގައި ތިބި މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން އާންމުކުރިއިރު، އޭގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅުންނާއި ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި ބޭފުޅެއް ހިމެނެއެވެ. ނަމަވެސް ޕާޓީ އޮތް ވަގުތު އަމީން ރާއްޖޭގައި ނޫޅުއްވާ ކަމަށާއި ޕާޓީ އޮތް އެޕާޓްމަންޓަކީ ސީދާ އަމީނާ ގުޅުން ހުރި ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރައްވައެވެ.
ކޮމެންޓު ފޮނުވާ