މާލޭގައި ޒުވާނުން ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. ފުލުހުން ރޭގެ ވަގުތެއްގައި ބާރުގެ ބޭނުންކޮށްގެން ހައްޔަރުކުރީ ނ. ކުޑަފަރި، ބަގީޗާގެ، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ، އާއިޝަތު ޝިމަން އަހްމަދު (19އ) އެވެ.
ސޯޝަލްމީޑިއާގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޝިމަން އާއި މަހްޒޫމް ހައްޔަރުކޮށްފައިވަނީ އެއްވެއުޅުމާއި ހިޔާލު ފާޅު ކުރުމުގެ އަސާސީ ހައްގުގެ ބޭނުން ހިފަމުން ދަނިކޮށް ކަމަށްވާތީ، މި ދެ ޒުވާނުން ވަގުތުން މިނިވަންކުރަން ޖެހޭކަމަށެވެ. އަދި ހައްގުތައް ހޯދުމަށް ޒުވާނުން ވަކާލާތުކުރާތަން ފެނުމަކީ ތިމަންނައަށް ލިބޭ ހިތްވަރެއް ކަމަށާއި މުޒާހަރާކުރާ ޒުވާނުންގެ އަޒުމާއި ހިތްވަރުން އެކްޓިވިޒަމްގެ ބާރު ދައްކައިދޭ ކަމަށް ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ހައްގުތަކުގެ ދިފާއުގައި ތެދުވެ ވަކާލާތު ކުރަން ހިތްވަރު ލިބޭ ސަގާފަތެއް ބިނާކުރުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. ދޫކޮށްލުމަށް ގޮވާލާފައިވަނީ ރައީސް ނަޝީދު އެކަނި ނޫނެވެ. ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ