އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފެނުނު ނުރައްކާތެރި ބެކްޓީރިއާ: ޕޮޒިޓިވްވި ބައެއް ކުދިން އިތުރު ފަރުވާއަށް ބޭރަށް ފޮނުވަނީ

އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފެނުނު ނުރައްކާތެރި ބެކްޓީރިއާ: ޕޮޒިޓިވްވި ބައެއް ކުދިން އިތުރު ފަރުވާއަށް ބޭރަށް ފޮނުވަނީ

Author
ހުސައިން
02 މެއި 2025 07:51
0

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓުން ފެނުނު ނުރައްކާތެރި ބެކްޓީރިއާއަށް ޕޮޒިޓިވްވި ފަސް ކުއްޖަކަށް މިވަގުތު ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ. މީގެ ތެރެއިން އިތުރު ފަރުވާއަށް ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަމުންދާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ވާގޮތުން، 28 ހަފްތާއަށްވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓްކުރެވިފައިވާ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުން، މިދިޔަ މާޗް މަހުގެ 27 ގައި "ބާކޯލްޑޭރިއާ ސެޕޭޝިއާ" ނަމަކަށް ކިޔާ މަލްޓި ޑްރަގް ރެސިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ފެނިފައިވެއެވެ.

އެ ބެކްޓީރިއާ ފެނުމާއެކު ވަގުތުން ކުއްޖާ އައިސޮލޭޓްކުރެވި، މި ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް އެންވައިރަމަންޓަލް ސާމްޕަލްތައް ނަގައި، އިންފެކްޝަން ކޮންޓްރޯލުކުރުމުގެ ފިޔަވަޅުތައް އަވަހަށް އެޅުނެވެ.

ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވާ ގޮތުން، އިތުރަށް ނެގުނު ސާމްޕަލްތަކުން އެންއައިސީޔޫގައި އެޑްމިޓްކުރެވިފައި ތިބި އިތުރު ހަތަރު ކުދިންގެ ހަށިގަނޑުންވެސް އެއް ބާވަތުގެ ޖަރާސީމު ފެނިފައިވެއެވެ. މީގެ ތެރޭގައި ދުވަސްނުފުރާ ވިހާފައިވާ ތިން ކުދިންނާއި ދުވަސްފުރާ ވިހާފައިވާ އެއް ކުއްޖެއް ހިމެނެއެވެ. މި ހުރިހާ ކުދިންނަކީވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދިޔަ ކުދިންނެވެ.

"މި ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ކުދިން އައިސޮލޭޓްކޮށް އިންފެކްޝަން ކޮންޓްރޯލުކުރުމުގެ ފިޔަވަޅުތައް އަޅައި ގާތުން މޮނިޓަރކުރަމުން ގެންދަމެވެ. އަދި ކޮންމެ ކުއްޖެއްގެ ކްލިނިކަލް ހާލަތަށް ބަލައި، އެންޓިމައިކްރޯބިއަލް ސަސެޕްޓިބިލިޓީ ނަތީޖާތަކަށް ބިނާކޮށް އެންޓިބަޔޮޓިކް ފަރުވާ ދެވެމުންދެއެވެ. މީގެ އިތުރުން އެންއައިސީޔޫގެ މާހައުލުގައި ހުރެދާނެ ކޮންޓަމިނޭޝަންގެ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ޓެސްޓުތައް ހަދަމުން ގެންދަމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަވަސް ފިޔަވަޅުތަކުގެ ސަބަބުން މި އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓުވިފައިވާ ކަމަށާއި އޭޕްރިލް މަހުގެ 15 ގެ ފަހުން އިތުރު ކޭސްއެއް ރިޕޯޓުކުރެވިފައި ނުވާކަން ހޮސްޕިޓަލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހޮސްޕިޓަލުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާޗް މަހުގެ 27 އިން ފެށިގެން މިހާތަނަށް ޖުމުލަ 84 ނިއޯނޭޓަލް ކުދިންނަށް އެންއައިސީޔޫގައި ފަރުވާދެވިފައިވާ ކަމަށާއި، މިވަގުތު 10 ކުދިންނަށް އެންއައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. މީގެ ތެރޭގައި މި ޖަރާސީމަށް ޕޮޒިޓިވްވެފައިވާ ފަސް ކުދިން ހިމެނެއެވެ.

ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ އެމްޑީއާރް ޖަރާސީމަށް ޕޮޒިޓިވްވެފައިވާ ކުދިންގެ ތެރެއިން އިތުރު ފަރުވާއަށް ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެވޭ ބަލިމީހުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ޔަގީންކޮށްދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.