ޔުމްނު އުސް އިމާރާތަކުން ވެއްޓުނު ހާދިސާ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީން ހުށަހަޅައިފި

ޔުމްނު އުސް އިމާރާތަކުން ވެއްޓުނު ހާދިސާ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީން ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
29 އޭޕްރިލް 2025 08:06
0

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރާއި ޖެންޑާ މިނިސްޓްރީގެ މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ތަރުޖަމާނު މައުރޫފް ޒާކިރު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ސަރުކާރުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. މީގެ އިތުރުން، މިކަމާ ގުޅިގެން ޒުވާނުން ކުރަމުންދާ އިހުތިޖާޖުތަކަށް އެމްޑީޕީން ފުރިހަމައަށް ތާއީދުކުރާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

"ތަހުގީގީ އިދާރާތަކާއި ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި. ހޮޅުދޫގައި ހިނގި މާރާމާރީގެ މައްސަލައިގައިވެސް އިންސާފު ނުލިބި ލަސްވަމުންދާތީ ރައްޔިތުން ވަރަށް ކަންބޮޑުވޭ،" މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީން މުޒާހަރާތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ގޮވާލާފައިވާއިރު، ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާތަކުން ސިޔާސީ ފައިދާ ނެގުމަށް ބަޔަކު މަސައްކަތްކުރާ ކަމަށާއި އެ ފުރުސަތު ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަންހެނަކު އިމާރާތަކުން ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަކީ ގަބޫލުކުރައްވާ ކަންބޮޑުވުންތަކެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގައުމުގައި ހަމަޖެހުން އޮތުމަކީ ވަކިވަކި ފަރުދުންނަށް ވެސް އަދި ޖުމްލަ ގޮތެއްގައި މުޅި ރައްޔިތުންނަށް ވެސް މުހިންމު ކަމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.