ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ޒުވާނުންގެ ކަންކަމުގައި މަޝްވަރާ އާއި ޚިޔާލު އެރުވުމަށް އުފައްދާފައިވާ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން އިތުރު ދެ މެމްބަރަކު އިސްތިއުފާ ދީފިއެވެ.
އެންމެ ފަހުން އިސްތިއުފާ ދީފައިވަނީ ޤައުމީ ނެޓްބޯޅަ ކުޅުންތެރިޔާ އާމިނަތު ރަބާބް އާއި ނިމާލް ޙަމީދުއެވެ.
އިންސްޓަގްރާމްގައި ޝާއިޢުކުރި ޕޯސްޓެއްގައި ރަބާބް ބުނެފައިވަނީ ކޮމިޓީއާ ގުޅުނީ ޒުވާން އެތުލީޓުންގެ ޙައްޤުގައި މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށާއި، ނަމަވެސް ތެދުވެރިކަމާއި ހާމަކަން ނެތް ތަނަކަށް ތާއީދު ނުކުރެވޭނެ ކަމަށެވެ. އަދި ޒުވާނުން މިހާރު ކުރަމުންދާ މަސައްކަތަށް ތާއީދުކުރުމުގައި ދެމިހުންނާނެ ކަމަށްވެސް ރަބާބް ބުނެފައިވެއެވެ.
އިއްޔެ ވެސް ވަނީ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ މުޙައްމަދު ނިހާދު (ހުވޭ) މި ކޮމިޓީން އިސްތިއުފާ ދީފައެވެ.
މި ކޮމިޓީގެ ރައީސްގެ މަޤާމުގައި ހުރި ދާއޫދު އަޙްމަދު ޒިލާލް ވަނީ ކޮމިޓީން އިސްތިއުފާ ދިނުމަށް ހުށަހެޅުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭނާ ވަކިކުރައްވާފައެވެ. ދާއޫދަކީ މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގެ ގެއެއްގެ ފުރާޅުމަތިން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނާ ރަޝީދުއާއެކު އެރޭ އުޅުނު ފިރިހެނާ ކަމަށްވާ ރައުދު އަޙްމަދު ޒިލާލްގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ރައުދު ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ނަގާފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، ޔުމްނާ ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ރައުދު ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްކަން ބުނެފައެއް ނުވެއެވެ.
މި ހާދިސާއަށްފަހު، މާގިނަ އިރުތަކެއް ނުވަނީސް ޔުމްނާ ކޮބައިތޯ ސުވާލުކުރުމުން، ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތުގައިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ