349 ދަރިވަރުން ގައުމީ ޔުނިވަސިޓީން ދަސްވެނިވެއްޖެ

349 ދަރިވަރުން ގައުމީ ޔުނިވަސިޓީން ދަސްވެނިވެއްޖެ

Author
ހުސައިން
25 އޭޕްރިލް 2025 10:34
0

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ 2024 ވަނަ އަހަރުގެ ދެވަނަ ޓާމްގައި ކިޔަވާ ނިމުނު 349 ދަރިވަރުން އިއްޔެ ދަސްވެނިވެއްޖެއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވުނީ އެމްއެންޔޫގެ މައި މަރުކަޒުގައި ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ޝަރަފްވެރިކޮށްދެއްވި ފުރަތަމަ ދަންފަޅީގައި ދަސްވެނިވީ ސްކޫލް އޮފް ނާސިންގ އަދި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނެވެ. މިގޮތުން ސްކޫލް އޮފް ނާސިންގެ 101 ދަރިވަރުންނާއި ސްކޫލް އޮފް މެޑިސިންގެ 24 ދަރިވަރުން ދަސްވެނިވިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ޝަރަފްވެރިކޮށްދެއްވި ދެވަނަ ދަންފަޅީގައި ދަސްވެނިވީ ފެކަލްޓީ އޮފް އާރޓްސްގެ 26 ދަރިވަރުންނާއި، ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ 62 ދަރިވަރުންނާއި، ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ 8 ދަރިވަރުންނާއި، އަދި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ 3 ދަރިވަރުންނެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝަހެނާޒް އާދަމް ވިދާޅުވީ އެމްއެންޔޫއަކީ ދިވެހިންގެ ފަހުރުވެރިކަމުގެ ނިޝާނެއް އަދި ދިވެހި ގައުމިއްޔަތުގެ ފުދުންތެރިކަމުގެ ރަމްޒެއް ކަމަށެވެ. އަދި އެ ޔުނިވަސިޓީއަކީ ރާއްޖޭގެ މުސްތަގުބަލް ބައްޓަންކުރުމުގައި އަސާސީ ދައުރެއް އަދާކުރާ، ރާއްޖޭގެ މާޒީ އާއި މުސްތަގުބަލް ގުޅުވައިދޭ މުހިންމު ވަސީލަތެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ދިވެހިން ބޭނުންވާ އިލްމާއި ހުނަރު އުފެއްދުމަކީ ގައުމީ ޔުނިވަސިޓީގެ މައިގަނޑު އަމާޒެއް" ކަމަށް ވައިސް ޗާންސެލަރު ވިދާޅުވިއެވެ. "މި މަގްސަދު ހާސިލްކުރުމަށްޓަކައި ޔުނިވަސިޓީން ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމާއި އެކި ދާއިރާތަކުން ތަފާތު ފެންވަރުގެ ކޯސްތައް ތައާރަފުކުރުމާ އަދި ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާ އެކު އިލްމު ހާސިލުކުރުމާއި ފެތުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މި ޔުނިވަސިޓީގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަން" ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.