ފުލުހުންގެ ހިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވަނީ މި ދައުރުގެ މިހާތަނަށް 9،000 އަށް ވުރެ ގިނަ ބަނގުރަލާއި 698 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 1.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ނެޓްވޯކުތަކާއި ކުށްކުރާ ގުރޫޕުތަކުގެ ލީޑަރުންނަށް އަމާޒުކޮށް ފައިނޭންޝިއަލް ތަޙުޤީޤުތައްވެސް ފެށިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެ ތެރެއިން ފުވައްމުލަކު ސިޓީގެ މަސްތުވާތަކެތީގެ ނެޓްވޯކަކުން 112 މީހަކު ހޯދައި، 121 މައްސަލައެއް ތަޙުޤީޤުކޮށް ޕީޖީ އޮފީހަށް ފޮނުވިފައިވާ ކަމަށާއި، މާލެއަށް ނިސްބަތްވާ 11 މީހުން ހިމެނޭ އަނެއް ނެޓްވޯކެއްގެ 64 މިލިއަން ރުފިޔާ ދައުރުކުރި ގޮތް ތަޙުޤީޤުކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ސައިބަ ކްރައިމްއާއި ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، 24 ގަޑިއިރު ހިދުމަތްދެވޭ ސްކޭމް ސެންޓަރެއް ޤާއިމުކޮށް، ސައިބަ ކްރައިމް ތަޙުޤީޤުކުރާނެ ޚާއްޞަ ތަނެއްވެސް އުފައްދާފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ