މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ޒުވާނުންގެ ތެރެއިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު ޒިލާލް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކުރުމާއެކު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށްފިއެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮތްތަން ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުއެވެ. އެ ޒުވާނާގެ ހާލު ދެރަވުމާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން އެ މަގާމުން މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ. އަދި "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ދާއޫދު، އެ ކޮމިޓީން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން ރައީސް އެ ކޮމިޓީން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށާއި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން މިއަދުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދާއޫދު ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފެދި، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާދިސާއާ ގުޅިގެން ކުރެވޭ ތުހުމަތުތަކާއެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ އިހުތިޖާޖުކޮށްފައިވެއެވެ.
މި މައްސަލައިގެ އިންކުއަރީއެއް ކުރިއަށް ގެންދިއުމަށް މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅާފައިވެއެވެ. މި އިންކުއަރީ ކުރުމަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގެވެ. މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި އަޒާން ވިދާޅުވެފައިވަނީ މި މައްސަލައާ ގުޅިގެން ފުލުހުން އަމަލުކޮށްފައި ވަނީ މި ބާވަތުގެ އެހެން މައްސަލަތަކުގައި އަމަލުކުރަމުންދާ ގޮތްތަކާ ހިލާފަށް ކަމަށެވެ.
މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ކެމެރާ އާއި ފޯނު ވެސް ނުވެއްދޭ ގޮތަށް ބޭއްވި އެ ބައްދަލުވުމުގައި ސީސީޓީވީ ފުޓޭޖުތަކެއް ވެސް ފުލުހުން ދައްކާފައިވާކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ބުނެފައިވެއެވެ.
ބައްދަލުވުމުގައި ފުލުހުން ވަނީ ޒުވާނާ އާއި އޭނާއާއެކު އުޅުނު ފިރިހެން މީހާ ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނެފައެވެ. އެ ޒުވާނާގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓާފައެވެ.
ފުލުހުން ދީފައިވާ މައުލޫމާތަށް ބަލާއިރު، ޒުވާނާ ވެއްޓުނީ ފެންލައިޓަކުންނެވެ. އަދި ހާދިސާއިން ކުރިން، މާލޭގެ މެދުތެރޭގެ ސަރަހައްދެއްގައި ހުންނަ ގެއަކަށް މެންދަމު 12:30 އެހާކަންހާއިރު ވަދެ، ފަތިހު 3:40 އެހާކަންހާއިރު ނުކުމެފައިވެއެވެ. އޭގެ ތެރެއިން 4 މީހަކު، ހެންވޭރު އަމީނީމަގުގައި ހުންނަ ގެއަކަށް ހެނދުނު 4:00 އެހާކަންހާއިރު ވަދެ، އެ ގެއިން ނުކުމެފައިވަނީ 10 ވަރަކަށް މިނެޓުފަހުންނެވެ. އެއަށްފަހު، ވެއްޓުނު އަންހެން މީހާ އާއި އިތުރު ފިރިހެނަކު ގޮސްފައިވަނީ ހާދިސާ ހިނގި ގެއަށެވެ.
ފުލުހުން ބޭއްވި ބައްދަލުވުމަށްފަހު ވެސް މައްސަލަ ހޫނުވެފައިވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ގައިރު ގާނޫނީ ކަންކަން ހިނގާފައިވާ ކަމަށް ފެންނަން އޮތްއިރު، އެކަން ފުލުހުން ތަހުގީގު ކުރަން ނޫޅޭ ކަމަށާއި އެހެން މައްސަލަތަކާ ތަފާތުކުރުންތަކެއް ފާހަގަވާތީއެވެ.
ކޮމެންޓު ފޮނުވާ