އދ. ދަނގެތީގައި އާ އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

އދ. ދަނގެތީގައި އާ އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

Author
ހުސައިން
24 އޭޕްރިލް 2025 07:56
0

އދ. ދަނގެތީގައި އާ އިންޖީނުގެއެއް، ކަސްޓަމަރ ސާވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ މަސައްކަތް 14,870,413 ރުފިޔާއަށް، 330 ދުވަހުގެ ތެރޭގައި ނިންމުމަށް ސްޓެލްކޯއިން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއާއި ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީންއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމާއެކު، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓް ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، އެ ރަށަށް އާ އިންޖީނުގެއެއް ބޭނުންވެފައިވާ ކަމަށެވެ. އަދި އާ އިންޖީނުގެ ނިންމައި ބޭނުންކުރަން ފެށުމުން ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށްވެސް ހުސައިން ފަހުމީ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ، މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށާއި، މިވަގުތުވެސް މިހާރުގެ އިންޖީނުގެ ހުރި ތަނުގެ ސަބަބުން ކައިރީގައި ހުރި ގެތަކަށާއި ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ދަނގެތި ކައުންސިލްގެ ރައީސް މުޢާވިޔަތު ރަޝީދުވެސް މިކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަން ފާހަގަކުރައްވައި ވިދާޅުވެފައިވަނީ، މިހާރުގެ އިންޖީނުގެ ހުރި ތަނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެ ސަރަހައްދުގައި އިމާރާތްކުރަން ނުފެށިފައި ތިބިކަމަށާއި، އެކަމުގެ ޝަކުވާ ބޮޑުކަމަށެވެ. އެހެންނަމަވެސް، މިއަދަކީ އެކަމުގެ ހައްލު ލިބިގެންދާ ދުވަސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޢާވިޔަތު އިތުރަށް ވިދާޅުވެފައިވަނީ، މިކަމަށް ހައްލެއް ހޯދުމަށްޓަކައި ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެވިފައިވާ ކަމަށާއި، މިކަމަށް ހައްލު ހޯދައިދެއްވިކަމަށްޓަކައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.