މާލޭ، ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ ފުރާޅު މަތިން ވެއްޓުނު 21 އަހަރުގެ ޒުވާން އަންހެން މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި އޮކްސިޖަންގެ އެހީގައި މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ. މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 7:23 ގައި ފުލުހުންނަށް މި މައްސަލަ ރިޕޯޓްކުރެވުނު ނަމަވެސް، މިހާތަނަށް މި ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލު ފުލުހުން ވަނީ ހާމަނުކޮށެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައާއި އާންމުންގެ މެދުގައި ތަފާތު ވާހަކަތައް ދައުރުވަމުންދާއިރު، ބައެއް ޒުވާނުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، ފޮޓޯތަކެއްވެސް ވަނީ ދައުރުވެފައެވެ. އެއްބަޔަކު ޒުވާން އަންހެން މީހާ އުސް އިމާރާތަކުން ވައްޓާލިކަމަށް ތުހުމަތުކޮށް އުޅޭއިރު، ފުލުހުންގެ ފަރާތުން މިކަމުގެ ހަގީގަތް އަދިވެސް ވަނީ ހާމަނުކުރެވިއެވެ.
ބައެއް މީޑިއާތަކަށް ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރުވެސް ދަނީ ކުރިއަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. އޭގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުންގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި، ދާދި ފަހުން ޒުވާން އަންހެން މީހާއަށް ފަރުވާދީފައިވަނީ ވެންޓިލޭޓަރުގައެވެ. އެހެންނަމަބެސް، މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި އޮކްސިޖަންގެ އެހީގައެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އިތުރުވަމުންދާއިރު، މި މައްސަލައިގެ ހަގީގަތް ނޭނގޭތީ ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ