ސްޓެލްކޯއިން ދޭ ސްކޮލަޝިޕްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް އަންނަ ބުރާސްފަތި ދުވަހު ސެޝަނެއް ބާއްވާނީ

ސްޓެލްކޯއިން ދޭ ސްކޮލަޝިޕްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް އަންނަ ބުރާސްފަތި ދުވަހު ސެޝަނެއް ބާއްވާނީ

Author
އަހުމަދު
22 އޭޕްރިލް 2025 02:16
0

ސްޓެލްކޯއިން އިންޖިނިއަރިން ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އިނގިރޭސިވިލާތުގައި ކިޔެވުމަށް ދޭ ސްކޮލަޝިޕްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް އަންނަ ބުރާސްފަތި ދުވަހު ސެޝަނެއް ބާއްވާގޮތަށް ސްޓެލްކޯއިން ނިންމައިފިއެވެ.

މި ސެޝަން ބާއްވާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11 އިން 12 އަށް ސްޓެލްކޯގެ ޓްރެއިނިންގ ރޫމުގައި (ފަސްވަނަ ފަންގިފިލާ) ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފައިވެއެވެ. އަދި މީގެ އިތުރުން، އެދުވަހުގެ މެންދުރުފަހު 1 އިން 2 އަށް އޮންލައިން އިންފޮމޭޝަން ސެޝަނެއް ވެސް ބާއްވާނެ ކަމަށް ބުނެފައިވެއެވެ. އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ސެޝަނަށް ރަޖިސްޓްރީވުމަށް އެދި [email protected] އަށް އީމެއިލް ފޮނުވުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.

"މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަޝިޕް ސްކީމް" ގެ ދަށުން ހުޅުވާލާފައިވާ ބެޗެލާސް ޑިގްރީ ފެންވަރުގެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން އެއް ފުރުސަތާއި، މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ދެ ފުރުސަތެވެ.

ސްޓެލްކޯއިން ބުނިގޮތުގައި، މި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ 24 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަރ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ 'އޭ ސްޓާ' އަދި އެއް 'އޭ' ހޯދާފައިވާ ދަރިވަރުންނަށް ނުވަތަ އެއާ އެއް ފެންވަރެއްގެ އައިބީ ސެޓްފިކެޓެއް އޮތް މީހުންނަށެވެ.

މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ސްޓެލްކޯއިން ދޭނީ ކޯސް ފީއާއި، އެސްޓަބްލިޝްމަންޓް އެލަވަންސާއި، ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާއާއި، ދެކޮޅު ޓިކެޓާއި، ވިސާ ފީއާއި، ފޮތްތަކަށް ދޭ އެލަވަންސެވެ.

ސްޓެލްކޯއިން އިތުރަށް ހާމަކޮށްފައިވަނީ، ކޯސް ފެށުމުގެ ކުރިން ސްޓެލްކޯގައި އިންޓާންޝިޕެއް އަދި ކޯހަށް ފަހު ވެސް ސްޓެލްކޯގައި ޚިދުމަތްކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.