ގައުމު ހިމާޔަތްކުރުމަކީ އެންމެ އިސް ވާޖިބު: ރައީސް

ގައުމު ހިމާޔަތްކުރުމަކީ އެންމެ އިސް ވާޖިބު: ރައީސް

Author
ހުސެއިން
22 އޭޕްރިލް 2025 07:14
0

އެންމެ އިސް ވާޖިބަކީ ދިވެހި ގައުމު ހިމާޔަތްކުރުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ .ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސް މުއިއްޒު ފާހަގަކުރެއްވީ 2023 ނޮވެމްބަރު 17 ގައި މާތްﷲ ގަންދީ ހުވާކުރެއްވި ދުވަހުން ފެށިގެން، ރައްޔިތުން ހަވާލުކުރި ވާޖިބު އަދާކުރުމުގެ މަސައްކަތް ފަށްޓަވާފައިވަނީ ހުވާގައިވާ ގޮތުގެމަތިން، އަކުރުން ފިއްޔަށް ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުމަށް ކަމަށެވެ.

"އެންމެ އިސް ވާޖިބެއްގެ ގޮތުގައި އެ ދުވަހުވެސް، މިއަދުވެސް އަދި މާދަމާވެސް ދެކޭނީ ދިވެހި ގައުމު ހިމާޔަތްކުރުން. ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކޮށް ކަށަވަރުކަމާއެކީގައި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، މި ޤައުމު ހިމާޔަތްކުރުމުގެ މަސައްކަތުގައި އެންމެ ފުރިހަމަ އަދި އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ސިފައިންނެވެ. އަދި މިއަދާ ހަމައަށް މި މަސައްކަތުގައި ގިނަ ކަންތައްތަކެއް ހާސިލުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ގައުމު ހިމާޔަތްކުރާނީ ހުރިހާ މާނައެއްގައިވެސް މިނިވަންކަން ހިމާޔަތްކުރަމުން ކަމަށާއި، އޭގެ ތެރޭގައި އިޤްތިޞާދީ މިނިވަންކަމާއި އަސްކަރީ މިނިވަންކަންވެސް ހިމެނޭކަމަށެވެ.

ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވީ، ވައިގެ މަގުން ރާއްޖޭގެ ބިޔަ ބޮޑު އިޤްތިޞާދީ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކުން ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. "މިއީ ފެށުމެއް" ކަމަށް ވިދާޅުވެ، އުތުރާއި ދެކުނުގައި ވައިގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، މިއީ ރާއްޖޭގެ ބިޔަ ބޮޑު ސަރަހައްދުގެ ހިމާޔަތަށްޓަކައި ކުރެވޭ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

ރަސްމީ ޖަލްސާގައި ވާހަކަފުޅު ނިންމަވަމުން، ރައީސް މުއިއްޒު ހާމަކުރެއްވީ ދުރު ނޫން މުސްތަޤުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ އުފެއްދުމަކީ އެމަނިކުފާނުގެ ތަސައްވުރެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.