މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު އަންހެނާ ބުނަނީ ތަކެތި ފެނުނު ތަނަށް ގޮސްފައިވަނީ އާސަންދައިގެ އެހީ ހޯދުމަށް ކަމަށް

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު އަންހެނާ ބުނަނީ ތަކެތި ފެނުނު ތަނަށް ގޮސްފައިވަނީ އާސަންދައިގެ އެހީ ހޯދުމަށް ކަމަށް

Author
ހުސައިން
19 އޭޕްރިލް 2025 12:32
0

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ މާރިޗު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 1.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކުރެވުނެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ސ. މަރަދޫފޭދޫ / ނަސީމީގެ، މުހައްމަދު ޝާނީޒް (46އ) އާއި މާލެ، މ. ސައިރިއަސް، މުހައްމަދު ތިބާގި (39އ) އަދި ވ. ރަކީދޫ / ޖަންބުގެ، ފަރީދާ އަބްދުއްރަހްމާން (35އ) އެވެ. މި ތިން މީހުންވެސް މިހާރު ތިބީ ބަންދުގައެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވުނު އެންމެ ފަހުގެ ބަންދު މަޖިލީހުގައި ފަރީދާ ބުނެފައިވަނީ، މަސްތުވާތަކެތި ފެނުނު ތަނަށް އޭނާ ދިޔައީ، އާސަންދައިން ފަރުވާ ހޯދައިދިނުމަށް އެގޭގައި އުޅޭ މީހަކަށް އެހީތެރިވެދިނުމަށް ކަމަށެވެ. އެހެންނަމަވެސް، ބަންދު އަމުރުން އެނގޭ ގޮތުގައި ފަރީދާ ވަނީ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާފަންނުގައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކުރެވުނެވެ. ފުލުހުންގެ ބުނުމުގައި، އެ ބަލައިފާސްކުރުމުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ސާމާނު ފެނިފައިވެއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.