ލ. ގަމާއި ފޮނަދޫގެ ކައުންސިލާއި ޖަމިއްޔާތަކާ ގުޅިގެން އިލްމް ޖަމިއްޔާއިން ރާވައިގެން ބޭއްވި "މުޅި ލާމު ޢައްޒާ އާއި އެކު" ހަރަކާތުގެ ދަށުން، ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ދެހާހަށްވުރެ ގިނަ މީހުން ނިކުމެ، ވެހިކަލް ބުރެއް ބާއްވައި ލާމު ލިންކުރޯޑް ފުރާލައިފިއެވެ.
މި ހަރަކާތުގައި ޝެއިޚް އާދަމް ނިޝާނާއި ޝެއިޚް ހާތިމް ޔޫސުފްގެ އިތުރުން ޕްރެޒެންޓަރު އަހްމަދު ހަމީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތް މައިގަނޑު ގޮތެއްގައި ބޭއްވީ ލ.ގަމުގައި ކަމުގައިވީނަމަވެސް، ލ. މާބައިދޫއާއި ލ. މާވަށުގައިވެސް "މުޅި ލާމު ޢައްޒާ އާއި އެކު" މި ނަމުގައި ހިނގާލުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މިއީ ލާމު އަތޮޅުގައި މިހާތަނަށް ބޭއްވުނު މިފަދަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑެތި ބައިވެރިވުމެއް ލިބުނު ރެލީކަން ފާހަގަކުރެވެއެވެ. ރެލީގައި ބައިވެރިވި ފަރާތްތަކުން ވަނީ ފަލަސްތީނުގެ ދިދައާއި "ފްރީ ޣައްޒާ" ޖަހާފައިވާ ފޮތިކޮޅުތައް އެބައިމީހުންގެ އުޅަނދުފަހަރުގައި ހަރުކޮށްފައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ ބައެއް ބައިވެރިވި މި ހަރަކާތުގައި ފަލަސްތީނު މިނިވަންކުރުމަށް ގޮވާލުމުގެ އިތުރުން ދުޢާވެސް ކުރެވުނެވެ.
ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ގަތުލުއާންމު ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ގަތުލުއާންމު ދެ މަސް ދުވަހަށް މެދުކަނޑާލުމަށްފަހު އަލުން ފެށިފައިވަނީ މާރިޗު 18 ގައެވެ. އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 51,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
ކޮމެންޓު ފޮނުވާ