ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިޔުއީއެފް) އިން 2025 ވަނަ އަހަރަށް ހޮވައިލި އެންމެ ނުފޫޒުގަދަ ޒުވާން ލީޑަރުންގެ ތެރޭގައި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ވައިސް ޗެއާ، އައިޝާ ނޫރްއައިން ޖަނާހު ހިމެނިވަޑައިގެންފިއެވެ.
މިއީ މީހުން ބިނާކުރުމާއި ތިމާވެއްޓާއި އަދި ސަގާފަތާއި އާދަކާދަ ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ދާއިރާއިން ދިވެއްސަކަށް ޑަބްލިޔުއީއެފުން ދިން ފުރަތަމަ ޝަރަފެވެ. މި ލިސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޮޑެތި ކުންފުނިތަކުގެ ވެރިން، ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން އަދި ތައިލެންޑުގެ ބޮޑުވަޒީރު ޕައިތޮންގްތާން ޝިނަވާތުރައާއެކު އެކި ގައުމުތަކުގެ މިނިސްޓަރުން ހިމެނެއެވެ.
ނޫރްއައިން މި ލިސްޓަށް ހޮވިފައިވަނީ އޭނާ އުފައްދަވާފައިވާ ކަނޑޫފާ ފައުންޑޭޝަނުން މީހުން ބިނާކުރުމާއި ތިމާވެއްޓާއި ސަގާފަތް ރައްކާތެރިކުރުމަށް ދެކުނު އޭޝިއާގައި ކުރައްވާ މަސައްކަތަށެވެ. "މި ޝަރަފަކީ ހަމައެކަނި އަޅުގަނޑަށް ލިބުނު ޝަރަފެއް ނޫން. މިއީ އަޅުގަނޑުގެ އާއިލާއާއި މުޅި ދިވެހި މުޖުތަމައުއަށް ނިސްބަތްވާ ޝަރަފެއް" ކަމަށް 34 އަހަރުގެ ނޫރްއައިން ވިދާޅުވިއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޖަނާހު އަލީގެ ދޮށީ ދަރިކަބަލުން ނޫރްއައިންއަކީ ޗާޓަޑް އެކައުންޓަންޓެކެވެ. ނިއުޒީލެންޑުން ކިޔަވައި ވިދާޅުވުމަށްފަހު އިންސާނީ ހައްގުތަކަށާއި ނަސްލީ ތަފާތުކުރުން ނައްތާލުމަށް ވަކާލާތުކުރުމުގައި ޝަޚުސިއްޔަތެކެވެ. މިކަމަށްޓަކައި "އޮތެންޓިސިޓީ އައުޓޭރޯ" ގެ ނަމުގައި އެންޖީއޯއެއްވެސް އުފައްދަވާފައިވެއެވެ.
ޑަބްލިޔުއީއެފްގެ ކްލާސް އޮފް 2025 ގައި ހިމެނިވަޑައިގަތުމާއެކު، ނޫރްއައިން 3 އަހަރު ދުވަހުގެ ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފުރިހަމަ ކުރައްވާނެއެވެ. ރާއްޖޭގައި އޯ ލެވެލް ނިންމެވުމަށްފަހު އުމުރުން 15 އަހަރުގައި ނިއުޒީލެންޑަށް ވަޑައިގެން ކިޔަވައި ވިދާޅުވުމަށްފަހު އާނެސްޓް އެންޑް ޔަންގްގައި މެނޭޖަރެއްގެ މަޤާމު ފުރުއްވާފައިވާ ނޫރްއައިން މިހާރު ވަނީ ރާއްޖެއަށް ބަދަލުވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ