ވަގުތީ ޖަލު އެޅުމަށް ހުޅުމާލެ ޖަލާ އިންވެގެން އޮތް ބިން ހަމަޖައްސައިފި

ވަގުތީ ޖަލު އެޅުމަށް ހުޅުމާލެ ޖަލާ އިންވެގެން އޮތް ބިން ހަމަޖައްސައިފި

Author
ހުސައިން
16 އޭޕްރިލް 2025 11:29
0

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެކްސްގައި ހާމަކުރެއްވި ގޮތުގައި، ހުޅުމާލެ ޖަލާ އިންވެގެން އޮތް ބިން ވަގުތީ ޖަލެއް އެޅުމަށް ހަމަޖައްސައިފިއެވެ. މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ކަރެކްޝަންސްއާ ދެމެދު މަޝްވަރާތަކެއް ކުރުމަށްފަހު، އެ ބިން ވަގުތީގޮތުން ޖަލެއް އެޅުމަށް ކަރެކްޝަންސަށް ދޫކުރުމަށް އެއްބަސްވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ކ. ގިރާވަރު އުތުރުފަޅު (އުތުރުތިލަފަޅު) ގައި 848 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުށްކުރާ ކުދިންގެ އިސްލާޙީ ސެންޓަރެއް ކަމަށްވާ "ހޯޕް އައިލެންޑް" އާއި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ނިންމައިފައެވެ. މި ފައިސާ ހޭދަކުރާ ގޮތަށް ދައުލަތުގެ އިންވެސްޓްމަންޓް ސިޔާސަތުގައި ވެސް ކަނޑައަޅާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް ގަރާރެއް އެކުލަވާލާފައިވެއެވެ. މި ގަރާރު އިސްލާޙުކުރައްވާފައިވަނީ ފަހުންނެވެ. މި ގަރާރުގައި ސަރުކާރުން މުޅި ރާއްޖޭގައި ހިންގަން ބޭނުންވާ 25 ޕްރޮޖެކްޓެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅުގައި ޤާއިމުކުރާ ހޯޕް އައިލެންޑްވެސް ހިމެނެއެވެ.

ހޯޕް އައިލެންޑަކީ ކުށްކުރާ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާޙީ އަދި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރެވޭ ތަނެކެވެ. މި މަޝްރޫޢަށް އެންމެ ދަށްވެގެން ޚަރަދުކުރަންޖެހޭ މިންވަރަކީ ޖުމުލަ 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އެވެ. މީގެ ތެރެއިން ހޯޕް އައިލެންޑް މަޝްރޫޢަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށް 10 މިލިއަން އެމެރިކާ ޑޮލަރު އަދި ހޯޕް އައިލެންޑް ތަރައްޤީ ކުރުމަށް 15 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ.

އުތުރުތިލަފަޅުގައި އިތުރަށް ތަރައްޤީކުރެވޭނީ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ނުވަތަ ބޮޑު ޖަލެކެވެ. މި މަޝްރޫޢުއަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުމަށް 15 މިލިއަން އެމެރިކާ ޑޮލަރު އަދި ޕްރިޒަން ކޮމްޕްލެކްސް ތަރައްޤީކުރުމަށް 15 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ވަނީ ހިމަނާފައެވެ. ޕްރިޒަން ކޮމްޕްލެކްސްއަށް ޖުމުލަ 30 މިލިއަން އެމެރިކާ ޑޮލަރު (462 މިލިއަން ރުފިޔާ) ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. މިގޮތުން އުތުރުތިލަފަޅުގައި ކުރިއަށްގެންދާ މި ދެ މަޝްރޫޢަށް ޖުމުލަ 848 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.