މާފުށީ ފިހާރައަކުން ކޮފީ ދަޅު ވަގަށް ނެގި މީހެއްގެ ބޮލަށް ކުލަފާޓާ އެޅުވި މައްސަލަ ފުލުހުން ބަލަނީ

މާފުށީ ފިހާރައަކުން ކޮފީ ދަޅު ވަގަށް ނެގި މީހެއްގެ ބޮލަށް ކުލަފާޓާ އެޅުވި މައްސަލަ ފުލުހުން ބަލަނީ

Author
ޙަސަން މުޙައްމަދު
16 އޭޕްރިލް 2025 01:33
0

މާފުށީ ފިހާރައަކުން 17 ބޮޑު ދަޅު ކޮފީ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހެއްގެ ބޮލަށް ކުލަފާޓާއެއް އެޅުވާލި މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށް އެ ފަރާތުން މައުލޫމާތު ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މާފުށީގައި މީހެއްގެ ގަޔަށް ކުލަ ޖެހި މައްސަލަ މި މަހުގެ 13 ވަނަ ދުވަހު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ. އަދި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން މީސްމީޑިއާގައި ފެތުރިފައިވާ ވީޑިއޯތަކުން ދައްކާ ގޮތުގައި، އެ މީހާ މަގުމައްޗަށް ނެރެ އޭނާ ލައްވާ އަމިއްލަ ގައިގައި ކުލަ ހާކުވަމުންދާ ތަން ފެނެއެވެ. އަދި މިގޮތަށް ކުލަ ހާކަމުން ދަނިކޮށް، ކުލަ ފާޓާއެއް އޭނާގެ ބޮލަށް އަޅާލައި މުޅި ބޮލާއި މޫނާއި އެކު ހަށިގަނޑުގައި ކުލަ ހާކާ މަންޒަރުވެސް ވީޑިއޯގައި ފެންނަން އޮތެވެ.

އިތުރަށް ފެތުރިފައިވާ ވީޑިއޯތަކުން ފެންނަނީ އެ މީހާ މޫދު ކައިރީގައި އިށީނދެ އޭނާގެ ގައިން ކުލަ ފިލުވުމަށް މަސައްކަތްކުރާ މަންޒަރެވެ. ކުލަ ފާޓާ އަޅާލި މީހުން ކައިރީގައި ތިއްބައި، ފަހުން އޭނާ އެތަނުން ގެންދިޔައީ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ކަމަށްވެސް މި ވީޑިއޯތަކުން އެނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.