ރާއްޖޭގެ ސަރުކާރު ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮގްރާމުގައި ބެލެނިވެރިން ޚަރަދުކޮށްފައިވަނީ އަމިއްލައަށް އެދިގެން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، "ކޫލް ސްކޫލް" ޕްރޮގްރާމުގައި ބެލެނިވެރިން ޚަރަދުކުރަން ނުޖެހޭނެކަމަށެވެ. ނަމަވެސް ބައެއް ބެލެނިވެރިން މި ޕްރޮގްރާމުގައި ޚަރަދުކޮށްފައިވަނީ އެބޭފުޅުން އަމިއްލައަށް ބޭނުންވެގެން އެދިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ބައެއް ސްކޫލްތަކުން އޭސީ ގަތުމަށް ބެލެނިވެރިންގެ އެހީތެރިކަމަށް އެދިފައިވާކަން ފާހަގަކުރެވިފައިވެއެވެ. މީގެ ތެރެއިން ވަކިވަކި ބެލެނިވެރިންނަށް އޭސީ ގަނެދިނުމަށް އެދި ސްކޫލްތަކުން ފޮނުވާފައިވާ މެސެޖުތައް ޢާންމުކޮށް ފެންނަން ހުރުމުން، މިކަމާ ގުޅޭގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދިފައިވެއެވެ.
ސަރުކާރުން ޚާއްޞަކޮށް މި ޕްރޮގްރާމް ތަޢާރުފުކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކުގެ ކްލާސްރޫމްތައް އެއަރކޮންޑިޝަން ކުރުމުގެ މަޤްޞަދުގައެވެ. މިއީ ދަރިވަރުންނަށް ތަޢުލީމު އުނގެނުމަށް އެކަށީގެންވާ މާޙައުލެއް ޤާއިމުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ