ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޖުތާޒް އައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުމުން، އިތުރަށް ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާ ތަމްސީލުކުރެއްވި މުޖުތާޒަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ސިވިލް ސާވިސް ކޮމިޝަނަށް އައު މެންބަރަކު ޢައްޔަންކުރުމުގެ މަރުޙަލާ މިހާރު ކުރިއަށްދާއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ނަން ދިރާސާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅާނެއެވެ.