ރާއްޖެއާއި މޯލްޓާ ގުޅުން ވަރުގަދަކުރަން މަޝްވަރާ ކޮށްފި

ރާއްޖެއާއި މޯލްޓާ ގުޅުން ވަރުގަދަކުރަން މަޝްވަރާ ކޮށްފި

ގުޅުންހުރި

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް މޯލްޓާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ދެ ގައުމު ގުޅިގެން ގިނަ ދާއިރާތަކުން އެއްކޮށް މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފިއެވެ. އިއްޔެ މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އިއަން ބޯގްއާއެކު ބޭއްވުނު ބައްދަލުވުމުގައި ދެ ގައުމުގެ މަޞްލަޙަތުތަކާގުޅޭ ގިނަ ވާހަކަތަކެއް ދެކެވުނެވެ.

ފޮރިން މިނިސްޓްރީން ހާމަކުރިގޮތުގައި، މި ބައްދަލުވުމުގައި ދެބޭފުޅުން ވެސް ފާހަގަކުރެއްވީ ރާއްޖެއާއި މޯލްޓާއަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމުކަމަށާއި ހަލީލްގެ މި ދަތުރަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

ދެ ބޭފުޅުން ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެއާއި މޯލްޓާއާ ގުޅިގެން އިތުރަށް މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެތެރޭގައި އިއާދަކުރަނިވި ހަކަތައާއި ތިމާވެށި، ވިޔަފާރީގެ ފުރުސަތުތަކާއި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާކަން ފޮރިން މިނިސްޓްރީން ހާމަކުރިއެވެ.

ހަމައެއާއެކު، ޓޫރިޒަމާއި މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ވަރުގަދަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ހަލީލާއި އިއަން ބޯގް އަލިއަޅުއްވާލައްވާފައިވެއެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޑރ. ހަލީލްގެ މި ދަތުރުފުޅުގައި، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އިތުރުން، ކެބިނެޓުގެ އެހެން ބައެއް މިނިސްޓަރުންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ