ކުރެންދޫ ހައުސިންގ ޔުނިޓުތައް މިއަހަރު ނިމޭނެ، 60 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ކުރެންދޫ ހައުސިންގ ޔުނިޓުތައް މިއަހަރު ނިމޭނެ، 60 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ގުޅުންހުރި

ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރިގޮތުގައި ޅ. ކުރެންދޫގައި ތަރައްޤީކުރަމުންދާ 50 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ޑިޒައިން ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، މިހާރު ކުރެންދޫ ހައުސިންގ ޔުނިޓުތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމި، ފްލެޓުތަކުގައި ކުރަންޖެހޭ ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެއް ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުރެންދޫގައި ތަރައްޤީކުރަމުންދާ މި މަޝްރޫޢަކީ 10 ފަންގިފިލާގެ އިމާރާތެކެވެ. މި ހައުސިންގ ޔުނިޓްތަކުގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑްރީ އަދި ސްޓޯރ ރޫމް ހިމެނޭނެއެވެ.

މީގެ އިތުރުން ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް، ޔުނިޓްތައް ވަށައިގެން އަލިކުރެވޭނެކަމަށާއި، ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަޙައްދެއް ޤާއިމްކުރާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާ ބެހޭ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކުރެންދޫގައި ކުރިއަށްދާ 50 ހައުސިންގ ޔުނިޓުގެ މަޝްރޫޢަށް ސަރުކާރުން 95 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެއެވެ. މަޝްރޫޢުގެ މަސައްކަތް ނިމުމުން އެރަށުގެ ގެދޮރުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ