ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމްއެންޑީއެފް ސަރވިސް ކޯރގެ "ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް" ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މުހިންމު ސްކޫލް ހުޅުއްވައިދެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
ބ. ކިހާދޫގައި ޤާއިމުކުރެވުނު މި ސްކޫލަކީ ރާއްޖޭގައި މިފަދައިން ހުޅުވުނު ފުރަތަމަ ތަމްރީނު މަރުކަޒެވެ. ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއީ ދިވެހި ސިފައިންގެ ޢިލްމީ އަދި ފަންނީ ހުނަރު ތަރައްޤީކޮށް ކުރިއެރުވުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ތާރީޚީ ބިންގަލެކެވެ. މީގެ ސަބަބުން ސިފައިންގެ މުއައްސަސާއަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
މި ސްކޫލުގެ އެންމެ ބޮޑު އެއް އަމާޒަކީ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ޤައުމީ ފެންވަރެއްގައި ފަށާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ ދަށުން ދޭންޖެހޭ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމެވެ. މިއީ ޤައުމީ ޚިދުމަތަށް ޒުވާނުން ނެރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.
މިހާރުވެސް މި ސްކޫލުގައި ރާއްޖޭގެ 35 ރަށަކުން 65 ދަރިވަރުން ދަނީ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ. އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ 49 ފިރިހެން ކުދިންނާއި 16 އަންހެން ކުދިން ކަމަށް ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ