ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އަމާޒަކީ ދިވެހިރާއްޖޭގެ ފަސްގަނޑު ރައްކާތެރިކޮށް، ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ދިފާޢުކުރުން ކަމަށް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިންޑިއާ ކަނޑުގެ އެންމެ ދުވަސްވީ އެއް ހަޟާރަތުގެ ގޮތުގައި ދިވެހިންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށް ރައީސް ގަދައަޅައި މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ސިފައިން ވަމުންދާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިފައިންގެ ހިތްވަރުގަދަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސާ އެކު ބޭއްވެވި އެންމެ ފުރަތަމަ ބައްދަލުވުމުގައި ވެސް، ސިފައިންގެ ހާލަތު ރަނގަޅުކުރުމަށް ރައީސް އިރުޝާދު ދެއްވި ކަމަށެވެ. އެގޮތުން، އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމާއި، މަރުކަޒުތަކާއި ބެރެކްތައް މަރާމާތުކުރުމުގެ އިތުރުން، ޔުނީފޯމާއި ސަލާމަތީ އާލާތްތައް އާކުރުމަށް ރައީސް އަންގަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު، ސިފައިންގެ ޤާބިލުކަން އިތުރުކޮށް މަސައްކަތުގެ މާހައުލު ހަރުދަނާކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ