ސްޓެލްކޯއިން ގޮގޯރޯ އިލެކްޓްރިކް ސައިކަލު ރާއްޖެއަށް ތަޢާރަފްކުރަނީ

ސްޓެލްކޯއިން ގޮގޯރޯ އިލެކްޓްރިކް ސައިކަލު ރާއްޖެއަށް ތަޢާރަފްކުރަނީ

ގުޅުންހުރި

ރައްޔިތުންނަށް ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އިލެކްޓްރިކް ސައިކަލު ރާއްޖެއަށް ތަޢާރަފްކުރުމަށް މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންނަށް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ބޭނުންކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަކަތައިގެ ދާއިރާއަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ސިޔާސަތުތައް ތަންފީޛުކުރުމަށް އެހީތެރިވުމެވެ.

"މި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ޤާއިމްކުރެވިފައިވާ އީވީ ޗާޖިންގ ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބިކުރާ ފަރާތްތަކުން އެފަދަ އުޅަނދު ބޭނުންކުރުމަށް ދެކެމުންއައި ޒަމާނީ ހުވަފެންތަކަށް ކުލަޖެހި، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ" ކަމަށް އެމްޑީ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އިލެކްޓްރިކް އުޅަނދު ޗާޖްކުރެވޭނެ ނިޒާމެއް މިހާރު ވަނީ ޤާއިމްކޮށްދެވިފައެވެ. އަދި ޓައިވާނުގެ ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، މި ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދެއެވެ.

މި ނިޒާމުގެ ބެޓްރީ ސިސްޓަމްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރެވުމާއެކު، އޭގެ ބެޓްރީތަކާ ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެކުރުމުގެ ފުރުޞަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެއެވެ.

އަދި ވެހިކަލް ޓެސްޓް ރައިޑްކޮށް، އަޖުމަ ބެލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން، ތިމާވެއްޓާ ރައްޓެހި ސައިކަލުތަކަށް ޝައުޤުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި އެނާރޖީ މެނޭޖްމަންޓް ސިސްޓަމާއި އީވީ ޗާޖިންގ ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިންނެވެ. މިއީ ސަރުކާރުން އަމާޒުހިފާފައިވާ 33% އަށް ވާޞިލްވުމަށް އަޅާ ފިޔަވަޅެއްކަމަށް ބެލެވެއެވެ.

"މިފަދަ ތިމާވެއްޓާ ރައްޓެހި، ރައްޔިތުންނަށް ފައިދާކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުޙަބާ ކިޔާނެ ބައެއް" ކަމަށް ފާހަގަކުރައްވައި، މީގެ ސަބަބުން މާލޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންގެ ޞިއްޙަތަށްވެސް ފައިދާތަކެއް ކުރާނެކަމަށް އެމްޑީ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ