ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުމަކީ ސުލޫކީ މައްސަލައެއް ނޫން: ޑރ. ޑީޑީ

ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުމަކީ ސުލޫކީ މައްސަލައެއް ނޫން: ޑރ. ޑީޑީ

ގުޅުންހުރި

ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުމަކީ ސުލޫކީ މައްސަލައެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ. ޑރ. ޑީޑީ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތްޕުޅުން ނޫސް ބަޔާން ނެރުއްވާތީ، އެއީ ސުލޫކީ މައްސަލައެއް ކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙުޤީޤެއް ފެށުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޑީޑީ ވިދާޅުވެފައިވަނީ އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގައި ހިމެނޭ ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުމަކީ އޭގެ ޒާތުގައި ސުލޫކީ މައްސަލައެއް ނޫން ކަމަށާއި ސުލޫކީ މައްސަލައަކަށް ވާނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ސިޔާސީ ޚިލާފުތަކާ ގުޅިގެން ކޮމެންޓްކޮށް ނެރޭ ބަޔާންތައް ކަމަށެވެ. މީގެ ސަބަބަކީ ފަނޑިޔާރަކީ ވަކިފަރާތަކަށް ބުރަނުވެ ތަޢައްޞުބުން އެއްކިބާވެ ތިބެންޖެހޭ ބަޔަކަށް ވާތީ ކަމަށް ޑީޑީ ވިދާޅުވިއެވެ.

އެހެންނަމަވެސް، ޑރ. ޑީޑީ ބައެއް އިސްތިސްނާ ހާލަތްތައް ފާހަގަކުރެއްވިއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ޢަދްލު އިންޞާފް ޤާއިމުކުރުމުގެ ނިޒާމާ ގުޅުންހުރި އިދާރީ ކަންތަކާއި، އަދި އެ ނިޒާމުގެ މުސްތަޤިއްލު ކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ނުވަތަ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް، މަންހަޖީ ނުވަތަ ސިސްޓެމެޓިކް ގޮތެއްގައި ހިންގޭ ކަންތައްތަކާ ގުޅިގެން ކޮމެންޓް ކުރުމަކީ ސުލޫކީ މައްސަލައެއް ކަމުގައި ނުބެލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް ގެންދަވަނީ ޖޭއެސްސީގައި ތަހުގީގު ހިނގަމުންދާ މައްސަލަތަކާ ގުޅޭގޮތުން ބަޔާންތައް ނެރުއްވަމުންނެވެ.

ޖޭއެސްސީން މިހާރު އަންނަނީ އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ގުޅޭ ދެ މައްސަލައެއް ބަލަމުންނެވެ. އޭގެތެރެއިން އެއް މައްސަލައަކީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވި ކަމަށް ބުނާ މައްސަލައެވެ.

އަނެއް މައްސަލައަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެވެ. ޖޭއެސްސީން ވަނީ މި މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ބަޔާން ވެސް ނަގައިފަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ ބަންޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން އިސްތިއުފާ ދެއްވާފައިވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ