ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ވަނީ ފަށާފައެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ކައުންޓަރުތަކުންވެސް ޒަކާތް ބަލައިގަންނަމުން ގެންދާކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް އިޢުލާނުކޮށްފައެވެ. އަދި މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނާނެކަމަށްވެސް އެ ވުޒާރާއިން ބުނެފިއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށް އެ ވުޒާރާއިން ބުނެފިއެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގެ ޞަލާހުއްދީން ހޯލުން ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން ހަވީރު 16:00 އާ ހަމައަށެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ.