ރޯދަމަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު، މިދިޔަ ހަފްތާގައި މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރަމުންދާ މިންވަރު އިތުރުވެފައިވާކަމަށް ސްޓެލްކޯއިން ރޭ ހާމަކުރެއްވިއެވެ.
ދުވަހެއްގެ މައްޗަށް ކަރަންޓު ބޭނުންކުރާ މިންވަރު ފުރަތަމަ ހަތް ދުވަހާ އަޅާބަލާއިރު މަތިވެފައިވާއިރު، އެއްގަޑިތަކެއްގައި ކަރަންޓު ބޭނުންކުރާ މިންވަރުވެސް މަތިވެފައިވާކަމަށް ސްޓެލްކޯއިން ފާހަގަކުރައްވައެވެ.
ހުޅުމާލޭގައި ޤާއިމުކުރި ބެކަޕް އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝަރުމީޒު ވިދާޅުވީ، މިއަހަރުގެ ޕީކްސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ސްޓެލްކޯއިން ކޮށްފައިވާކަމަށެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެން ޕީކް އަށް ތައްޔާރުވުމަށްޓަކައި އިންޖީނުތައް އޯޑަރުކުރުމާއި، ޓެކްނިކަލް ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިންމާލައިފިން. މިދިޔަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު އެންމެ ފުރަތަމަ ޝިޕްމަންޓްގައި 4 އިންޖީނު ހުޅުމާލެއަށް ގެނެސް ހުޅުމާލޭ މަގުމަތީގައި ބެހެއްޓީ އޭރުގަ އިންޖީނުތައް ބަހައްޓަން ބިން ހަމަޖެހިފައިނުވާތީ. އޭގެ އެއްމަސްފަހުން އަނެއް 4 އިންޖީނު ގެނެސް މަގުމަތީގައި ބެހެއްޓީ،" ޝަރުމީޒު ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރަށްވުރެއްވެސް އިތުރުވާނެކަމަށް ލަފާކޮށް، ކަރަންޓު އިޤްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ސްޓެލްކޯއިން ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.
ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދެއްވުމަށް، މި ރަމަޟާން މަހުވެސް ކަރަންޓާއި ފެން ބިލުން 10% ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިކަމަށް 160 މިލިޔަނެއްހާ ރުފިޔާ ހޭދަވާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.