ސްޓެލްކޯ ހުޅުމާލެ އެނެކްސް-2 އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި

ސްޓެލްކޯ ހުޅުމާލެ އެނެކްސް-2 އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި

ގުޅުންހުރި

މި އަހަރުގެ ޕީކް ހޭންޑްލިންއަށާއި ގްރޭޓާ މާލޭ ޕަވަރ ބެކަޕްގެ ގޮތުގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް-2 އިންޖީނުގެ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ޚާއްޞަ ރަސްމިއްޔާތެއްގައި މި އިންޖީނުގެ ހުޅުވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ. ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނެންގެވީ ފަހުމީއެވެ. އަދި ގައުމީ ދިދަ ނެންގެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު މުޒްނާއެވެ. މީގެ އިތުރުން ފަހުމީ ވަނީ އިންޖީނުގޭގައި ގާއިމްކޮށްފައިވާ އެއް ޖަނަރޭޓަރުވެސް ސްޓާޓް ކޮށްދެއްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ މިއީ ކުޑަ މުއްދަތެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން ނިންމާލި ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ. މި މަސައްކަތް ނިންމާލުމަށް 48،000 އަކަފޫޓުގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި ނަގައި، ބިންވެސް އެއްވަރުކުރި ކަމަށެވެ. އަދި ހުޅުމާލޭގެ އެނެކްސް-1 (ބައު އިންޖީނުގެ) އިން އާ އިންޖީނުގެއާ ހަމައަށް ކާނުތައް ރާވައި ފިއުލް ލައިންތައް އަޅައި، ހުޅުމާލޭ މައި އިންޖީނުގެއާ ހަމައަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާ ގުޅާލުމަށް 9 ވަރަކަށް ދުވަސް ނެގި ކަމަށެވެ.

ފަހުމީ އިތުރަށް ވިދާޅުވީ މި މަސައްކަތް ފެށުނީއްސުރެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ގާތުން މަސައްކަތް ބައްލަވަމުން ގެންދެވި ކަމަށާއި، މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ނައްތާލުމަށް ކުރެވިދާނެ ކަންކަމާ މެދު ލަފައާއި އިރުޝާދު ދެއްވަމުން ގެންދެވި ކަމަށެވެ. އެކަމަށްޓަކައި ރައީސަށް ޚާއްޞަ ޝުކުރެއްވެސް އަދާކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ރޯދަމަހުގައިވެސް ވާރެއާއި އަވިއަށް ބެލުމެއްނެތި ފަސްޖެހުމަކާނުލައި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ކުރީ ރައްޔިތުންގެ ޙައްޤުގައި ކަމަށާއި، އެކަމަށް މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް ދަންނަވާ ކަމަށެވެ. އަދި ސްޓެލްކޯއިން އަތޮޅުތެރޭގައި ޚިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މި އަހަރުގެ ޕީކް ރޯދަމަހުގައި ނުފެށުނު ނަމަވެސް ރޯދަމަސް ނިމި ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ސްޓެލްކޯއިން ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ ސްޓެލްކޯ ދުރު މުސްތަޤުބަލަށް ވިސްނައި ދުރާލާ ތައްޔާރަށް އޮންނާނެ ކަމަށާއި، މި ޕީކް ސީޒަންގައި ޖަނަރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ހުޅުމާލޭ އިންޖީނުގެ އެނެކްސް-2 ގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި، މިވަގުތު 7 ޖަނަރޭޓަރު ސެޓް ވަނީ ކޮމިޝަން ކުރެވިފައެވެ. ރޯދަމަސް ނިމުމުގެ ކުރިން އިތުރު 5 ޖަނަރޭޓަރު ސެޓް ކޮމިޝަން ކުރުމުން ހުޅުމާލެ އިންޖީނުގެ އެނެކްސް-2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ