ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވަމުންދާ މުޒާހަރާތައް ސުލްހަވެރިކަމާއެކު ބޭއްވުމަށް އިލްތިމާސްކޮށްފިއެވެ. ރޯދަމަސް ފެށުނު ފަހުން އެމްޑީޕީން އެކި ރޭރޭގައި ބާއްވަމުންދާ އެއްވުންތައް ބަލަމުންދާކަން ބަޔާންކޮށް، އެއްވެ އުޅުމުގެ ޙައްޤު ޤާނޫނީ އިމުގެ ތެރެއިން ފަހިކޮށްދިނުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ގޮވާލާފައިވެއެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކުން އަޑުގަދަކުރާ ބޭނުންކޮށް، މާލޭ މަގުތަކާއި ގްރީން ޒޯން ހިމެނޭ ސަރަހައްދުތަކަށް ވަންނަން މަސައްކަތްކޮށްފައިވާކަމާއި، އެ ސަރަހައްދުތަކަށް ވަނުމަށް ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުޚާޠަބްކޮށް ވާހަކަދައްކާފައިވާތީ، އެކަން ކުށްވެރިކޮށް އެފަދަ ޢަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ.
އެޗްއާރުސީއެމްއިން ޚާއްޞަ އަހައްމިއްޔަތެއް ދީގެން ފާހަގަކޮށްފައިވަނީ މުޒާހަރާތައް ޓްރެފިކަށް ދަތިނުވާނެހެން ރޭވުމަށާއި، ސުލްހަވެރިކަން އިސްކޮށް، މަގުތައް ބޭނުންކުރާ މީހުންނަށް ދަތިނުވާނޭހެން ޢަމަލުތައް ބެހެއްޓުމަށެވެ. އަދި މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުގެ މަސައްކަތަށް ހުރަސްނޭޅޭނެ ގޮތަށް ފުރުޞަތު ދިނުމަށް ވެސް ގޮވާލާފައިވެއެވެ.
ސުލްހަވެރިކޮށް ބާއްވާ އެއްވުންތަކަށް ފުރުޞަތުދިނުމަށާއި، އެއްވުންތައް ރޫޅާލަންޖެހިއްޖެނަމަ ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެޗްއާރުސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.