ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން މި އަހަރު ހައްޖާއި އުމްރާގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވައިފިއެވެ. ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ހޮވުނު މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގެ އެމް.ޑީ ހުސެއިން ފަހުމީއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އަހަރު ހައްޖަށް ދިއުމަށް ކުރިމަތިލި 102 މުވައްޒަފުންގެ ތެރެއިން 84 މުވައްޒަފުންގެ ޝަރުތު ފުރިހަމަވިއެވެ. އަދި އުމްރާއަށް ދިއުމަށް ކުރިމަތިލި 218 މުވައްޒަފުންގެ ތެރެއިން 215 މުވައްޒަފުންގެ ޝަރުތު ފުރިހަމަވި ކަމަށް ކުންފުނިން ބުނެއެވެ.
ހައްޖުގެ އަޅުކަމަށް ދިއުމުގެ ފުރުސަތު ލިބިފައިވަނީ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ އަހުމަދު ވަހީދު، ކ. ކާށިދޫ އިންޖީނުގޭގެ ހަސަން ޒަރީރު، އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އާމިނަތު ޖަލީލާއަށެވެ. އުމްރާއަށް ދިއުމުގެ ފުރުސަތު ލިބިފައިވަނީ ވިލިނގިލި އަވަށު އިންޖީނުގޭގެ ބުންޔާމީން މުހައްމަދު ނަސީރާއި އަހުމަދު މުސްތަފާ، އަދި ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ޝިފްރާ އިލްހާމަށެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރާ ހަމައަށް ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައިވަނީ ކޮންމެ އަހަރަކުވެސް ދެ ބަޔަށް އެއް އަންހެން މުވައްޒަފަކާއި އެއް ފިރިހެން މުވައްޒަފަކަށެވެ. ނަމަވެސް، ކުންފުނީގެ ޕޮލިސީއަށް ބަދަލުގެނެސް، މިދިޔަ އަހަރުން ފެށިގެން ހައްޖާއި އުމްރާއަށް ދެ ފިރިހެން މުވައްޒަފަކާއި އެއް އަންހެން މުވައްޒަފަކު ހޮވުމަށް ވަނީ ނިންމާފައެވެ.
"މި ކުންފުނިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް،" ސްޓެލްކޯއިން ބުންޏެވެ.