މާލެއަށް ގެންދިއުމަށް ރޭވި މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑު އޮޕަރޭޝަނެއް އިންޑިއާ ކޯސްޓްގާޑުން ހުއްޓުވައިފިއެވެ. އިންޑިއާގެ ތަމިލްނާޑޫގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން 58 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނިގެން އަތުލެވުނެވެ.
މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ، ޑިރެކްޓޮރޭޓް އޮފް ރެވެނިއު (ޑީއާރުއައި) އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިންޑިއަން ކޯސްޓް ގާޑް (އައިސީޖީ) އާ ގުޅިގެން ހިންގުނު އޮޕަރޭޝަނެކެވެ.
"ޝުވޭ ލިން ޔޯން" ނަމަކަށް ކިޔާ ބޯޓެއް ތަމިލްނާޑޫއާއި ސްރީލަންކާއާ ދެމެދު އޮންނަ ގަލްފް އޮފް މަންނާރުގައި ހުއްޓުވައި ބަލައި ފާސްކުރުމުން 30 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވެއެވެ. މި މަސްތުވާތަކެތީގެ އަގަކީ އިންޑިއާގެ 30.95 ކްރޯޑް ރުޕީސް (58 މިލިއަން ރުފިޔާ) ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
ބޯޓު ޓުޓިކޮރިން ބަނދަރަށް ގެންދިއުމަށްފަހު، މަސްތުވާތަކެއްޗާއެކު 9 މީހުން ވަނީ ހައްޔަރުކުރެވިފައެވެ. ނަމަވެސް ހައްޔަރުކުރެވުނު މީހުންގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.