މާލެ، 5 މާރޗް 2025 – އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން މާދަމާއިން ފެށިގެން ކުރިޔަށް ގެންދާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް އެ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެޒެޓްކުރި އާންމު އިޢުލާނެއްގައި ބުނެފައިވަނީ މި ބަދަލާއެކު މާލެ ސަރަހައްދުގައި ތިއަރީ ޓެސްޓަށް އެދޭއިރު ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް ހުށަހަޅާއިރު، ތިއަރީ އިމްތިހާން ހަދާ ތަނެއްގެ ގޮތުގައި މިހާރު އިޚްތިޔާރު ކުރަންޖެހޭނީ ޓްރާންސްޕޯޓް މިނިސްޓްރީ ކަމަށެވެ.
މީގެކުރިން މި އިމްތިހާންތައް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޮލިޓެކްނިކްއިން ކަމަށްވާއިރު، މިނިސްޓްރީން މި ބަދަލު ގެނައި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް ތިއަރީ އިމްތިހާނުގެ އިތުރުން ޑްރައިވިން ޓެސްޓެއް ވެސް ފުރިހަމަކުރަންޖެހޭ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.