ހުޅުމީދޫގައި ފާއިތުވި މަހުގެ 24 ވަނަ ދުވަހު ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މަރަދޫފޭދޫ 18 އަހަރުގެ ޒުވާން މުހައްމަދު އިލްމުއަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ހާމަކޮށްފިއެވެ.
އެކްސިޑެންޓް ދިމާވީ "އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް" އަށް ޕްރެކްޓިސް ކުރަމުންދަނިކޮށް ސައިކަލް ކޮންޓްރޯލް ނުކުރެވި، ހަދަން ފަށާފައިހުރި ގެއެއްގެ ތަނބަކާ ޖެހުމުންނެވެ. މި ޗެމްޕިއަންޝިޕަކީ އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން އިސްނަގައިގެން ހުޅުދޫގައި ބޭއްވި ހަރަކާތެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "މިހާރު" އާ ހިއްސާކުރެއްވި ގޮތުގައި އިލްމުއަށް އަދިވެސް ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދަނީ، ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.
އިލްމުއަށް ފުރަތަމަ ފަރުވާ ދީފައިވަނީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. ނަމަވެސް ހާލަތު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނެވުނެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ހަމަ މި ޗެމްޕިއަންޝިޕަށް ބައިވެރިވާން ދިޔަ 24 އަހަރުގެ ޒުވާނެއް ވެސް އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވެފައިވާކަން ފާހަގަކޮށްލެވެއެވެ.