ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވައިފި

ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވައިފި

ގުޅުންހުރި

އިޒްރޭލާއި ހަމާސް ދެމެދު ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ވެފައިވާ އެއްބަސްވުމުގެ ދެވަނަ މަރުހަލާއާ މެދު ދެބަސްވުން އުފެދިފައިވަނިކޮށް، އިޒްރޭލުން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން ހުއްޓުވައިފިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ހެނދުނު ވަނީ ޣައްޒާއަށް މުދަލާއި އެހެނިހެން ސާމާނު ވެއްދުން ހުއްޓުވުމަށް އަންގާފައެވެ. އިޒްރޭލުން ބުނެފައިވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ 42 ދުވަސް މިމަހުގެ ފުރަތަމަ ދުވަހު ހަމަވުމާއެކު، އެމުއްދަތު ރޯދަމަސް ނިމެންދެން ދިގުދެމުމަށް ނިންމާފައިވާ ކަމަށާއި، އެއީ އެމެރިކާއިން ހުށަހެޅި ގޮތް ކަމަށެވެ.

ނަމަވެސް ހަމާސްއިން ބުނަނީ ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމާ ބެހޭ ދެވަނަ މަރުހަލާގެ މަޝްވަރާތައް ކުރިން އެއްބަސްވެފައިވާ ގޮތަށް މިހާރު ފަށަންޖެހޭނެ ކަމަށެވެ. މިއީ ހަމާސްއިން މިނިވަން ނުކޮށް ތިބި އިޒްރޭލުގެ ހުރިހާ ރަހީނުން ވެސް މިނިވަންކުރަން ނިންމާފައިވާ މަރުހަލާއެވެ.

ހަމާސްއިން ބުނީ ނަތަންޔާހޫގެ ނިންމުމަކީ ދަށު ދަރަޖައިގެ ބްލެކްމެއިލެއް ކަމަށާއި، މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. އެއީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވުން ކަމަށްވެސް ހަމާސްއިން ބުންޏެވެ.

ޣައްޒާގެ މަސްރަޙު އަނެއްކާވެސް ނާމާން ވެފައިވާއިރު، ޚާން ޔޫނިސްގައި އިޒްރޭލުގެ ޓޭންކުތަކުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެ ހަ މީހަކު ޒަޚަމްވިކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވެއެވެ.

އިޒްރޭލުން އެއްބަސްވުމާ ޚިލާފުވެ ޣައްޒާގެ އާންމުންނަށް ދަތިކުރަން ފެށުމާއެކު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި އިންސާނީ އެހީގެ ޖަމިއްޔާގެ ވެރިޔާ ތޯމަސް ފްލެޗާ ވަނީ މިއީ އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި، އެހީއަށް ހުރަސްއެޅުން ވަގުތުން ހުއްޓާލަން ގޮވާލައްވާފައެވެ.

މިސްރުންވެސް ވަނީ އެއްބަސްވުމާ އެއްގޮތަށް އިޒްރޭލުން އަމަލުކުރުމަށް ޔޫރަޕުން އިޒްރޭލަށް ޕްރެޝަރު ކުރުމަށް ގޮވާލާފައެވެ. ހަމައެއާއެކު، ރެޑް ކްރޮސްއިން ވަނީ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުން ވަރަށް މުހިންމުކަމަށް ބުނެ މިހާރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ