އުތުރުތިލަފަޅު ހިއްކައި، އެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މިއަަހަރު ކުރިއަށް ގެންދާނީ

އުތުރުތިލަފަޅު ހިއްކައި، އެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މިއަަހަރު ކުރިއަށް ގެންދާނީ

ގުޅުންހުރި

މި އަހަރުގެ ތެރޭގައި އުތުރުތިލަފަޅު ހިއްކައި، އެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، މިއަހަރު ފަށާ އުތުރުތިލަފަޅު ބިންހިއްކުމުގެ މަޝްރޫއު ނިމުމުން އެތަނުގައިވެސް ހައުސިންގ ޔުނިޓްތައް އިމާރާތްކުރާނެ ކަމަށާއި، ރަސްމާލޭގެ މަޝްރޫއުވެސް ނިމިގެންދާއިރު އެތަނުގައިވެސް ހައުސިންގ ޔުނިޓްތައް އިމާރާތްކޮށް ގޯތިވެސް ލިބޭނެކަމަށް ވިދާޅުވިއެވެ. މިގޮތުން އުތުރުތިލަފަޅުގައި 200 ހެކްޓަރުގެ ބިން ހިއްކައި، އެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ވަނީ ނިންމައިފައެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރު ފަޅު އަދި ރަސްމާލޭގައިވެސް އެތައް ހާސް ހައުސިންގ ޔުނިޓެއްގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ މަޝްރޫއުތަކެއް ނިމުމުން، މާލޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ކޮންމެ ރައްޔިތަކަށްވެސް ފުރަތަމަ ބޯހިޔާވަހިކަމަށް އެކްސެސް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މިކަން ހާސިލުކުރުމަށް ހައުސިންގ ޔުނިޓްތައް އެޅުމާއި، ހައުސިންގ ލޯނު އަދި ފައިނޭންސިންގ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

ކުރިން ސަރުކާރުން ނިންމާފައިވަނީ އުތުރުތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި ޗައިނާ ހާބާ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާއެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ގާއިމްކުރުމަށެވެ. މި މަސައްކަތުގެ އެމްއޯޔޫގައި ސޮއިކުރީ 2024 ވަނަ އަހަރުގެ މާރިޗް މަހުގެ 8 ވަނަ ދުވަހުއެވެ. މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމްކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

އެހެންނަމަވެސް، އުތުރުތިލަފަޅާ ގުޅޭގޮތުން ކުރީގެ ސަރުކާރުން ނިންމާފައިވާ ނިންމުންތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ. ކުރިން ޗައިނާއާއެކު ހިންގަން ނިންމާފައިވާ ދަނޑުވެރިކަމުގެ މަޝްރޫޢު މިހާރު ވަނީ ފުށިދިއްގަރުފަޅަށް ބަދަލުކޮށްފައެވެ. އަދި އުތުރުތިލަފަޅުގައި މިހާރު ތަރައްގީކުރަމުންދާ ޑޮކްޔާޑް މަޝްރޫއާ ގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކުރައްވާފައިވާކަންވެސް ފާހަގަކުރެވެއެވެ.

ރައީސް މުއިއްޒުގެ ވިސްނުންފުޅުގައި ގިރާވަރުފަޅާއި އުތުރުތިލަފަޅާ ދެމެދު ބްރިޖެއް އެޅުމަށް ރޭވިފައިވާކަމަށާއި، މި މަޝްރޫއާ ގުޅޭގޮތުން ޗައިނާގެ އޭޝިއާ އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކާއެކު މަޝްވަރާކުރައްވާ، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް 2026 ގައި ފެށި، ގިނަވެގެން ތިން އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒުކުރައްވާފައިވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ