މިއަހަރުގެ ރޯދަމަހު ކަރަންޓު ބިލް ވަކިން ތައްޔާރުކޮށް، ކޮންމެ ގޭބިސީއަކަށް މަދުވެގެން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފިއެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ރޯދަމަހު ކަރަންޓު ބިލުން ޑިސްކައުންޓް ދިން ނަމަވެސް، އާދައިގެ މަސްތަކަށްވުރެ ބިލު ބޮޑުވުމުން ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކޮށްފައިވެއެވެ.
މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހާއި ރޯދައިގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު، މުޅި މަހަށް ޚާއްޞަ ބިލެއް ތައްޔާރުކުރުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. އަދި ކަރަންޓުން ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވީ އެއް އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވާއިރު، މިއަހަރު ވެސް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ރޯދަމަހުވެސް ސްޓެލްކޯއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީން ފެނާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވެއެވެ.