ޕޮލްކޯގެ ސީއީއޯ އަނީސް ސަސްޕެންޑްކޮށް ހިންގުން ޚަލީލާ ހަވާލުކޮށްފި

ޕޮލްކޯގެ ސީއީއޯ އަނީސް ސަސްޕެންޑްކޮށް ހިންގުން ޚަލީލާ ހަވާލުކޮށްފި

ގުޅުންހުރި

ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ސީއީއޯ އަހުމަދު އަނީސް މަޤާމުން ސަސްޕެންޑްކޮށް، ކުންފުނީގެ ހިންގުމުގެ ކަންތައްތައް ސެކްރެޓަރީ އިބްރާހީމް ޚަލީލާ ހަވާލުކޮށްފިއެވެ. އަނީސް ސަސްޕެންޑްކުރެވިފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށަހެޅި، މިކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަޙުޤީޤެއް ހިންގަމުންދަނިކޮށެވެ.

އެނގިފައިވަނީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވުނު ބޯޑުގެ ބައްދަލުވުމަކަށް އަނީސް ހާޒިރުވުމަށް އެންގި ނަމަވެސް އޭނާ ބައްދަލުވުމަށް ވަޑައިނުގަތުމާ ގުޅިގެން، މައްސަލަ ތަޙުޤީޤުކޮށް ނިމެންދެން އަނީސް މަޤާމުން ސަސްޕެންޑްކުރުމަށް ބޯޑުން ނިންމާފައިވެއެވެ. ފުލުހުންގެ ފަރާތުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި، އާދިއްތަ ދުވަހު ބޯޑުން ނިންމީ އަނީސް ޒިންމާތަކުން އެކަހެރިކޮށް، ކުންފުނީގެ ހިންގުމުގެ ޒިންމާ ސެކްރެޓަރީ ޚަލީލާއާ ހަވާލުކުރުމަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ އަނީސް ޕޮލްކޯގެ ސީއީއޯގެ މަޤާމަށް ޢައްޔަންކުރެވިފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގައެވެ. އަދި އަނީސް ސަސްޕެންޑްކުރެވިފައިވަނީ ޕޮލްކޯގެ މައްސަލައާ ގުޅިގެން އޭސީސީން ދެ ފަހަރެއްގެ މަތިން ކުންފުނީގެ އޮފީސް ބަލައި ފާސްކުރުމަށްފަހުގައެވެ.

2013 ވަނަ އަހަރު ޕޮލްކޯއާ ހަވާލުކުރެވުނު 'ބުލޫސް ހައުސިންގ މަޝްރޫޢު’ގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް އޮޑިޓް ރިޕޯޓެއް މިދިޔަ މަހުގެ 23 ވަނަ ދުވަހު ނެރެފައިވެއެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޝްރޫޢަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެ، ކުންފުނީގެ ކޮރަޕްޝަނާއި ނާޤާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އެހެންކަމުން، އެއިރު ޕޮލްކޯގެ ބޯޑް އޮފް ޑިރެކްޓަރުންނާއި އިސްވެރިންގެ ގޮތުގައި ތިބި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އޮޑިޓް ރިޕޯޓުގައި ލަފާދީފައިވެއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން މި މައްސަލަ ދިރާސާކުރަމުންދާއިރު، އެ ކޮމިޓީގެ މުޤައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެފައިވަނީ، މި މައްސަލައިގައި މިހާރު ނިންމަންޖެހޭ އެންމެ މުހިންމު ނިންމުމަކީ ޒިންމާދާރު މަޤާމުތަކުގައި ތިބި ފުލުސް އޮފިސަރުންނާމެދު ޢަމަލުކުރާނެ ގޮތް ކަނޑައެޅުން ކަމަށެވެ. އަދި މައްސަލަ ކުރިއަށްދާއިރު، އެ އޮފިސަރުން މަޤާމުތަކުގައި ބަހައްޓައިގެން ކުރިއަށްދާނީތޯ ނުވަތަ ނޫންތޯ ނިންމަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ