ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު އަޙްމަދެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސެންޓަރ ފޮރ އަރކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފައިޞަލް ޢަބްދުލްޢަޒީޒު ތަމީމީއެވެ.
މި އެއްބަސްވުމުގެ ދަށުން އަރުޝީފުކުރުމާއި އަރުޝީފީ ތަކެތި އިންޑެކްސްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމުގެ އިތުރުން ފޮޓޯއާއި ޗާޓު އަދި އޯޑިއޯވިޝުއަލް ތަކެތި ބެލެހެއްޓުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަދި ދުވަސްވީ ތަކެއްޗަށް ފަރުވާދީ އެތަކެތި ބޭނުންކުރެވޭ ހާލަތަށް ގެނައުމާއި، މި ދާއިރާއިން މީހުން ތަމްރީނުކުރުމާއި، އަރުޝީފުކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭގޮތުން އައު ޢިލްމާއި ތަޖުރިބާ ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން މި ދާއިރާގެ ސްޕެޝަލިސްޓުން ތަމްރީނުކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މި މަހުގެ 16 އިން 18 އަށް ސަޢުދީ ޢަރަބިއްޔާގެ ރިޔާޒުގައި ބޭއްވުނު "އަރކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި، ދުނިޔޭގެ އަރުޝީފާ ބެހޭ މައި އިދާރާ ކަމުގައިވާ އިންޓަރނޭޝަނަލް ކައުންސިލް އޮން އަރކައިވް (އައިސީއޭ) ގެ ސެކްރެޓެރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ.