ޚަލީލު ސްރީލަންކާގެ ބޮޑުވަޒީރުއާއި ބައްދަލު ކުރައްވައިފި

ޚަލީލު ސްރީލަންކާގެ ބޮޑުވަޒީރުއާއި ބައްދަލު ކުރައްވައިފި

Author
ހުސައިން
20 ފެބްރުއަރީ 2025 07:52
0

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔައާ ބައްދަލުކުރައްވައިފިއެވެ.

ލަންކާގެ ފޮރިން މިނިސްޓަރު، ވިޖިތަ ހޭރަތުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ވަޒީރު ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ލަންކާއިން ޒަމާނުއްސުރެ ދެއްވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ ތެރޭގައި ޚާއްސަކޮށް ރާއްޖޭގެ ތައުލީމީ ދާއިރާއާއި މީހުން ބިނާކުރުމަށް ލަންކާއިން ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި ލަންކާގެ ބޮޑުވަޒީރު ވަނީ ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި ދަތުރުފުޅުގައި އިއްޔެ ވަޒީރު ވަނީ ލަންކާގެ ފޮރިން މިނިސްޓަރު ހޭރަތާ ވެސް ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ. މި މަޝްވަރާތަކުގައި ދެ ގައުމު ގުޅިގެން ޓޫރިޒަމާއި، ތައުލީމާއި، އިގުތިސާދީ އަދި ސަލާމަތީ ދާއިރާތަކުން އިތުރު މަސައްކަތްތަކެއް ކުރެއްވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި ވަޒީރު ޚަލީލް މިރޭ ލަންކާގެ ރައީސް، އަނުރަ ކުމާރަ ޑިސަނަޔަކައާ ވެސް ބައްދަލުކުރައްވާނެއެވެ. އަދި މީގެ އިތުރުން ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި އެ ގައުމުގެ ބައެއް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.