ސްރީ ލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާތަކެއް ކުރެވިއްޖެއެވެ. މި މަޝްވަރާތައް ކުރެވުނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ސްރީ ލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުއާ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް މަޝްވަރާކުރެވުނެވެ. މީގެއިތުރުން، ވިޔަފާރީގެ ދާއިރާއިން ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ވިޔަފާރިވެރިންނަށް ފަހިކޮށްދިނުމަށްޓަކައި ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ޤާއިމްކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް ވަނީ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ސްރީ ލަންކާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ސްރީ ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި، ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔެއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި، އަމިއްލަ ބައެއް ފަރާތްތަކާއެކު ބައްދަލުކުރައްވައި، ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެއެވެ.
މި ދަތުރުފުޅަކީ ސްރީ ލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅު ކުރިއަށްދާނީ މި މަހުގެ 21 ގެ ނިޔަލަށެވެ.