މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހާމަކުރި ގޮތުގައި ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ބައެއް ކޯސްތައް ބޭރު ގައުމުތަކުގައި ހިންގަމުންދާކަމަށް ވަނީ އެ އޮތޯރިޓީން ބުނެފިއެވެ.
އެމްކިއުއޭއިން ބުނެފައިވަނީ އެ އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ބައެއް ޕްރޮގްރާމްތައް ބޭރުގެ ބައެއް މަރުކަޒުތަކުން އިޝްތިހާރުކޮށް، ސެޓްފިކެޓް ދޫކުރަމުންދާކަން އެ އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، އެމްކިއުއޭއިން ގަބޫލުނުކުރާ ބޭރުގެ މަރުކަޒުތަކުގައި މި ޕްރޮގްރާމްތައް ހިންގަމުންދާކަން ކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ޚިލާފަށް ހިންގާ ކޯސްތަކުން ދޫކުރާ އެއްވެސް ސެޓްފިކެޓެއް ބަލައިނުގަންނާނެކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. އަދި މިފަދަ ގަވާއިދާ ޚިލާފު ހަރަކާތްތަކުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އެމްކިއުއޭއިން ނުނަގާނެކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ކޯސްތައް ހިންގުމަކީ މަތީ ތައުލީމަށް ލިބޭ ކުރިއެރުމެއްކަމަށް އެމްކިއުއޭއިން ދެކޭކަމަށާއި، އެކަމާ ގުޅޭ އުސޫލެއް މިހާރު އެކުލަވާލަމުންދާކަމަށް ވެސް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ. އަދި މަތީ ތައުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ކޯސްތައް ހިންގުމަށް އެމްކިއުއޭއިން ގޮވާލާފައިވެއެވެ.