ފުލުހުންގެ ކޯޕަރޭޓިވް ސޮ ސައިޓީގެ ކޮރަޕްޝަންގައި ބައިވެރިވާ އިސް ފުލުހުންނާމެދު ގޮތެއް ނިންމަނީ

ފުލުހުންގެ ކޯޕަރޭޓިވް ސޮ ސައިޓީގެ ކޮރަޕްޝަންގައި ބައިވެރިވާ އިސް ފުލުހުންނާމެދު ގޮތެއް ނިންމަނީ

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީގެ (ޕޮލްކޯ) ހައުސިންގ މަޝްރޫޢުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބައިވެރިވެފައިވާ އިސް ފުލުހުންނާމެދު ގޮތެއް ނިންމުމަށް މަޝްވަރާކޮށްފިއެވެ.

2013 ވަނަ އަހަރު ފެށުނު 'ބްލޫސް ހައުސިންގ މަޝްރޫޢު' އާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ މަހުގެ 23 ގައި ނެރުނު ރިޕޯޓުގައި، މަޝްރޫޢުގެ 16 މުހިންމު އިވެންޓެއްގައި މިހާރުވެސް ޚިދުމަތުގައި ތިބި ޑެޕިއުޓީ ކޮމިޝަނަރުންނާއި އެސިސްޓެންޓް ކޮމިޝަނަރުން ބައިވެރިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. މި މައްސަލަ ކުރިއަށްދާއިރު މި އޮފިސަރުން މަޤާމުގައި ބޭތިއްބުމާމެދު ގޮތެއް ނިންމަންޖެހޭކަމަށް ކޮމިޓީގެ މުޤައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން، ޕޮލްކޯގައި އިތުރު ކޮރަޕްޝަންގެ ޢަމަލުތަކެއް ހިނގަމުންދާކަމަށް ތުހުމަތުކޮށް ފުލުހުންގެ މުވައްޒަފަކު މަޖިލީހަށް ސިޓީއެއް ހުށަހަޅާފައިވާކަންވެސް ނާޒިމް ހާމަކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ފުލުހުން ކޮމިޓީއަށް ފޮނުވަމުންދާކަމަށާއި، އެ ލިޔުންތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ.

އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ ޚަރަދުކޮށްގެން ހިންގި މި މަޝްރޫޢުގައި ކޮރަޕްޝަނާއި ނާޤާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާނެކަމަށް ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާޢު ވަނީ ވިދާޅުވެފައެވެ. އަދި މަޝްރޫޢާ ގުޅުންހުރި ގިނަ ލިޔެކިޔުންތަކެއް ސާވަރއަށް ދިމާވި މައްސަލައަކާ ގުޅިގެން ގެއްލިފައިވާކަމަށް ޕޮލްކޯގެ މެނޭޖްމަންޓުން ބުނެފައިވާކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ މަޖިލީހުގައި ވަނީ ހާމަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ