ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާންމު ތަންތަނަށް ވަދެނިކުމެވުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށަން ނިންމައިފިއެވެ. މިކަން އިއުލާނު ކުރެއްވީ ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް، ރޭގައި ބޭއްވުނު "އަހާ" ފޯރަމްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ހުރި ބައެއް އިމާރާތްތަކާއި، ޕާކުތަކާއި، މައިޒާންފަދަ އާންމު ތަންތަނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަދެނިކުތުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ. މީގެ ތެރޭގައި، މިހާރު އަލަށް ހަދަމުންދާ ހުރިހާ އިމާރާތްތަކަކާއި ޕާކުތައް، ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކާއި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެވޭގޮތަށް ފަރުމާކުރުމަށް އަންގަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިން ހަދާފައިވާ އިމާރާތްތަކަށްވެސް މިފަދަ ބަދަލުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް މިފަދަ ދަތިތައް ހުރިކަން ފާހަގަކުރައްވައި، ރަށު ކައުންސިލްތަކާ ގުޅިގެން މިކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއާއެކު، ފުލުހުންވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ރޭމްޕްތަކުގައި އުޅަނދު ޕާކުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން، އެފަދަ ތަންތަނުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ވެރިފަރާތަށް ގުޅައިގެން ނެގުމާއި، ޓޯކުރުމާއި، އަދި ޖޫރިމަނާކުރުމުގެ މަސައްކަތް ރޯޑް ޕޮލިސްއިން ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ